ކޯޓުން މި އަމުރު ނެރުނީ އަމީތާބުގެ ޝަހުސިއްޔަތާއި އޭނާގެ އަޑު ހުއްދަނެތި ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ އެކަން ހުއްޓުވުމަށް އެދި އޭނާގެ ފަރާތުން ހުށަހެޅި މައްސަލައިގެ ފަހު މަރުހަލާ ނިންމުމަށްފަހުގަ އެވެ.
މި މައްސަލައިގައި ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ވަކި ފަރާތެއް އެނގިފައިނުވާ މީހުންނާއި ތަފާތު އެކި ފަރާތްތަކުން އަމީތާބުގެ ސޫރައާއި، އަޑު އަދި އޭނާގެ ނަން ބޭނުންކޮށްގެން އެއްވެސް ވިޔަފާރިއެއް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށެވެ. މީގެ އިތުރުން އޭނާގެ ނަން ބޭނުންކޮށްގެން މީހުންނަށް އޮޅުވާލައިގެން މަންފާ ހޯދުން ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
މި މައްސަލައަކީ 2022 ވަނަ އަހަރު އަމީތާބުގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެގޮތުން ވަޓްސްއެޕް މެދުވެރިކޮށް ހިންގާ ފޭކް ލޮޓަރީ ސްކޭމްތަކާއި، އަމީތާބުގެ ފޮޓޯ ޖަހައިގެން ހަދާފައިވާ މޯބައިލް އެޕްތަކާއި ފޮތްތަކުގެ އިތުރުން، އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވެބްސައިޓްތައް ހުއްޓުވުމަށް އެދި އޭނާ ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
މައްސަލަ ރައްދުވި މައިގަނޑު ހަތަރު ފަރާތަކުން ވަނީ އަމީތާބާ އެކު ކޯޓުން ބޭރުގައި އެއްބަސްވުމަކަށް އައިސްފައެވެ. އެ ފަރާތްތަކުން ވަނީ އަމީތާބުގެ ނަމާއި ސޫރަ ބޭނުންކޮށްގެން ހިންގަމުން ދިޔަ އެޕްލިކޭޝަންތަކާއި ވެބްސައިޓްތައް އިންޓަނެޓުން ނަގައި، އެފަދަ ހުރިހާ ވިޔަފާރިއެއް ހުއްޓާލުމަށް އެއްބަސްވެފަ އެވެ.
ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވަނީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ޝަހުސިއްޔަތާއި ސޫރަ އަދި އަޑު ހިމާޔަތްކުރުމުގެ ފުރިހަމަ ހައްގު ލިބިގެންވާ ކަމަށެވެ. އަދި އަމީތާބު ތާއީދުކުރާ ކަމަށް ދައްކައިގެން މަކަރާއި ހީލަތުން ކުރާ އެއްވެސް ވިޔަފާރިއަކަށް ފުރުސަތު ނުދެވޭނެ ކަމަށާއި، މިފަދަ އަމަލެއް ތަކުރާރުކޮށްފިނަމަ ވަގުތުން ފިޔަވަޅު އެޅުމުގެ އިހުތިޔާރު އަމީތާބަށް ލިބިގެންވާ ކަމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެ އެވެ.