ފޮރިން މިނިސްޓްރީން ބުނީ ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ދިމާވި ނުރައްކާތެރި ފްލޭޝް ފްލަޑް ކާރިސާއާ ގުޅިގެން، މިނިސްޓްރީ އިން ގެންދަނީ އެކަން މޮނިޓާ ކޮށް ބަލަމުންކަމަށެވެ.
އެގޮތުން ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މި ކާރިސާއާ ގުޅިގެން ނޭޕާލްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ފަރާތަކުން އެހީތެރިކަމެއް ބޭނުންވާ ނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ، މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅާ ނުވަތަ ކޮންސިއުލާ އީމެއިލްއަށް އީމެއިލްކޮށް އެކަން އެންގުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފަ އެވެ.
ހިމާލަޔާ ފަރުބަދަތަކުގެ އުސް ސަރަހައްދަކުން ގްލޭސިއާއާއެއް ކަނޑައިގެން ގޮސް ވެއްޓުމާ ގުޅިގެން ހިންގި ފެންބޮޑުވުމުގެ ހާދިސާގައި މިހާތަނަށް 270 މީހުން މަރުވެ، 826 މީހުން ވަނީ ގެއްލިފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. އުސް ފަރުބަދައަކުން ބޮޑު ގްލޭސިއާއެއްގެ ބައެއް ތިރިއަށް ވެއްޓުނު ވަގުތު، އޭގެ ބާރުގަދަކަމުން ޖިއޮލޮޖިކަލް ސާވޭތަކުން ފުރަތަމަ ލަފާކުރީ މިއީ 4.4 އާއި 5.2 އާ ދެމެދުގެ ބިންހެލުމެއް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;