ލިލިއަން ސްމާޓް ނަމަކަށް ކިޔާ މި ކުއްޖާ މަރުވީ މަދުން ނޫނީ ނުފެންނަ ނުރައްކާތެރި ބައްޔެއް ކަމަށްވާ "ނެގްލޭރިއާ ފައުލަރީ" އިންފެކްޝަނުގެ ސަބަބުންނެވެ.
މި ކުއްޖާ މަރުވެފައި ވަނީ ރަސްޓަން ސިޓީގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް ހޮނިހިރު ދުވަހު އެވެ. އެ ކުއްޖާ މަރުވީ އޭނާގެ 8 ވަނަ އުފަންދުވަސް ފާހަގަކުރިތާ އެއްދުވަސް ފަހުންނެވެ. އޮގަސްޓު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ކުއްޖާއަށް ދިޔައީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ލުއިޒިއާނާގެ ސިއްހަތާ ބެހޭ އިދާރާތަކުން ވަނީ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު އެ ސްޓޭޓުގެ މީހެއްގެ ގަޔަށް މި ނުރައްކާތެރި އަމީބާ ވަދެފައިވާކަން ޔަގީންކޮށްދީފަ އެވެ. މި އަމީބާއަކީ އާންމުގޮތެއްގައި ހޫނު މޫސުމުގައި ފެންގަނޑުތަކާއި ކޯރުތަކުގައި އުޅޭ އެއްޗެކެވެ. މިއީ އިންސާނާގެ ނޭފަތުގެ ޒަރިއްޔާއިން ހަށިގަނޑަށް ވަދެ، ސިކުނޑިއަށް ގެއްލުންދޭ އެއްޗެކެވެ.
ކަމާބެހޭ އޮފިޝަލުން ބުނީ މި ކުއްޖާއަށް މި އިންފެކްޝަން ޖެހިފައި ވަނީ ރަސްޓަންއާ 30 މޭލު ދުރުގައި އޮންނަ ލޭކް ކްލެއިބޯން އަށް އެރުމުގެ ތެރޭގައި ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ ކަމަށެވެ. މިއީ އެ ސަރަހައްދުގެ މީހުން އާންމުކޮށް ފަތަން ގޮސް އުޅޭ ފެންގަނޑެކެވެ.
މި ހާދިސާ ހިނގިތާ ކުރީކޮޅު ކުއްޖާގެ ނަން ހާމަނުކުރި ނަމަވެސް، ފަހުން އެ ސަރަހައްދުގެ މީޑިއާތަކުން ވަނީ މަރުވީ ލިލިއަން ކަން ޔަގީންކޮށްދީފަ އެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގެ ކޯރުތަކާއި ފެންގަނޑުތަކަށް އެރި އުޅުމުގައި ސަމާލުވުމަށް އިދާރާތަކުން ވަނީ އާންމުންނަށް އިރުޝާދު ދީފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;