މިއަދު ތައާރަފްކުރި މި މޮބައިލް އެޕް މެދުވެރިކޮށް، ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ކޮންމެ ވަގުތަކުވެސް އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ހިދުމަތްތައް ހޯދޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެ އެވެ.
ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މި އެޕްލިކޭޝަން މެދުވެރިކޮށް، އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތަކަށް އެދުމާއި، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ އަޕްޑޭޓް ވަގުތުން ބަލައިލެވޭނެ އެވެ.
މީގެއިތުރުން ނަގާފައިވާ ފައިނޭންސިން ފެސިލިޓީތައް ބަލައި މެނޭޖްކުރުމާއި، ފަސޭހަކަމާއެކު ފެސިލިޓީތަކަށް ފައިސާ ދެއްކުމުގެ އިތުރުން ވަގުތުން ނޮޓިފިކޭޝަންތައް ލިބި، މުއާމަލާތްކުރެވޭނެ އިންތިޒާމުވެސް މި އެޕްގައި ވަނީ ހަމަޖައްސާފަ އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑިޖިޓަލް ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕް ތައާރަފުކުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން....
މޮބައިލް އެޕް އިފްތިތާހު ކުރުމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެސްއެމްއީ ޑިޖިޓަލްއިން އަބަދުވެސް މަސައްކަތް ކުރަނީ ވިޔަފާރިވެރިންނަށް ހިދުމަތްތައް ހޯދުމާއި މެނޭޖްކުރުން ފަސޭހަކޮށްދޭނެ ޑިޖިޓަލް ހައްލުތައް ހޯދައިދިނުމަށް ކަމަށެވެ.
އަދި މޮބައިލް އެޕް ތައާރަފުކުރުމުން ރަމްޒުކޮށްދެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، އަވަސް އަދި ފަސޭހަ މާލީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްއިން ކުރާ މަސައްކަތްކަމަށް އޭނާ ވިދާޅުވި އެވެ.
ބަދުރުއްދީން އިތުރަށް ވިދާޅުވީ މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށް ވުމަށް އެ ކުންފުނިން ކުރާ ދަތުރުގައި ލިބުނު އިތުރު މުހިންމު ކުރިއެރުމެއްކަމަށާއި ކުރިއަށް އޮތްތަނުގައި އާފީޗާތައް މޯބައިލް އެޕަށް އިތުރު ކުރެވޭނެ ކަމަށެވެ.
މުސްތަގުބަލުގައި މި އެޕް މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ވިއްކޭނެ މާކެޓް ޕްލޭސެއް ހިމެނޭހެން އިތުރު ހިދުމަތްތައް ތައާރަފުކުރުމަށް ވަނީ ނިންމާފަ އެވެ.
އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް ދާދި އަވަހަށް އެޕް ސްޓޯ އަދި ގޫގުލް ޕްލޭ އިން ޑައުންލޯޑް ކުރެވޭނެ ކަމަށާއި، އެޕް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވޭނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.
މި އެޕްލިކޭޝަނަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި ވިޔަފާރިތަކަށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދީ، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ގެންގުޅޭ ފުޅާ ތަސައްވަރުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;