"އަސްލު ދުޝްމަނާ" ދެކޮޅަށް ތެދުވުމަށް އީރާނުގެ ސްޕްރީމް ލީޑަރު މުޖްތަބާ ޚާމަނާއީ، ގަލްފުގެ ގައުމުތަކުގެ ވެރިންނަށް ގޮވާލައްވައިފި އެވެ.

Advertisement
މުޖުތަބާ މިހެން ވިދާޅުވީ އެމެރިކާއާއި އިސްރާއީލަށް އިޝާރާތްކޮށެވެ. މި ދެ ގައުމަށް އިޝާރާތް ކުރައްވައި އޭނާގެ ލިޔުއްވި ބަޔާނުގައި ވިދާޅުވީ އެމީހުން މަސައްކަތް ކުރަނީ އީރާނާއި އިސްލާމީ އެހެން ގައުމުތަކުގެ މުސްލިމް މީހުންގެ މެދުގައި ހިޔާލުތަފާތުވުން އުފެއްދުމަށް ކަމަށެވެ.
"މި ނަޒަރުން ބަލާއިރު، އިސްލާމީ އުންމަތުގެ ބައިބައިވެގެން ގޮސް، އެ އުއްމަތުގެ ބާރުތައް ބަލިކަށިވެ، މުސްލިމުންގެ މައްޗަށް އެމީހުން ވެރިކަން ކުރުމަށް ލިބޭ ފުރުސަތުގެ އިންތިޒާރުގައި އެމީހުން ތިބީ" ޝީއީ މުސްލިމުން ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަކުރަމުންދިޔަ އާދީއްތަ ދުވަހު އޭނާ ވިދާޅުވި އެވެ.
ޚާމަނާއީ ވަނީ، ގަލްފުގެ ގައުމުތަކުންނާއި ސަރުކާރުތައް އިސްލާމްދީނުގެ ދަށުން އެކަތިގަނޑަކަށްވި ނަމަ، އެއްވެސް އަމާޒެއް ނެތް ނުބައި ބަޔަކަށް އެމީހުންގެ ބިމާއި މުދަލަށް ދަހިވެތިވާން ކެރޭނެތޯ ގަލްފުގެ އަރަބި ވެރިންނާ ސުވާލު ކުރައްވާފަ އެވެ.
ދައުލަތުގެ މުހިންމު ސިޔާސަތުތަކުގައި އެންމެ ފަހުގެ ނިންމުން ނިންމެވުމުގެ ބާރު އޮތް އީރާނުގެ އެންމެ މަތީ ވެރިޔާ ވަނީ އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް އީރާންގެ ރައްޔިތުން އެއްގަލަކަށް އަރައި، ހިޔާލުތަފާތުވުންތައް އެއްފަރާތް ކުރުމަށް އީރާނުގެ މަސްއޫލުވެރިންނަށާއި ރައްޔިތުންނަށް ގޮވާލައްވައިފަ އެވެ.
އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން އެ މަގާމަށް އައްޔަންކޮށްފައިވާ އޭނާގެ ދަރިކަލުން މުޖްތަބާގެ އަމުރަށް އީރާނުން ގެންދަނީ އިޒްރޭލާއި ގަލްފުގެ އެކި ގައުމުތަކުގައިވާ އަސްކަރީ އެކި ތަންތަނަށް ހުއްޓުމެއް ނެތި ހަމަލާ ދެމުންނެވެ. އަދި ތެލާއި ގޭސް އުފުލާ މައި މަގު ކަމަށްވާ ހޮރްމުޒް ކަނޑޯޅި ބަންދުކޮށް ހަކަތައިގެ ކާރުހާނާތަކަށް ހަމަލާދެމުން ދާތީ ތެލުގެ މާކެޓް ހަލަބޮލިވެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
އުމުރުން 56 އަހަރުގެ މުޖްތަބާ ރޫހީ ލީޑަރުކަމަށް އައްޔަންކުރި ފަހުން މިހާތަނަށް އާންމުންނަށް ފެނިފައެއް ނުވެ އެވެ. ދައުލަތުގެ ޓީވީން ބުނެފައިވާ ގޮތުގައި އޭނާ ވެސް ވަނީ ހަމަލާތަކުގައި ޒަހަމްވެފަ އެވެ.