ads
ޕާކިސްތާނުގައި މިއަދު ބޭއްވި ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ/ރައީސް އޮފީސް
ޕާކިސްތާނުގެ ވިޔަފާރިވެރިން، ރާއްޖޭގައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފަން އެދިއްޖެ
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރީގެ މުޢާމަލާތްތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމުގެ އަމާޒާއެކު، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ހޯދައި ބެލުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށާއި އިންވެސްޓަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިސްލާމްއާބާދުގައި މިއަދު ބާއްވާ "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ގައުމުގެ ބޮޑުވަޒީރު ވިދާޅުވީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު މިހާރު ހިނގަމުންދަނީ އެންމެ 13 މިލިއަން ޑޮލަރުގެ ކުޑަ ވިޔަފާރިއެއް ކަމަށެވެ.

ނަމަވެސް، ރައީސް މުއިއްޒު އާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ދެބޭފުޅުން ސާފު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަހު، ރައީސް ޑރ. މުއިއްޒު، އަޅުގަނޑުގެ އެދުމުގެ މަތިން ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް ގެންދިއުމަށް ވަރަށް ފުރިހަމައަށް އެއްބަސްވެވަޑައިގެންފައި. މިހާރު މިއޮތީ ފުރުސަތު. މިއީ އަޅުގަނޑުމެން އަމަލީ ގޮތުން ނަތީޖާ ނެރެންވީ ވަގުތު،" ބޮޑުވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އަލުން ބަދަހިކުރެވޭ މި އިޤްތިޞާދީ ގުޅުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ މައްޗަށް ބިނާވެގެންދާނެ ގުޅުމެއް ކަމަށާއި، މީގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް އައު ފުރުޞަތުތައް ފަހިވެ، ޢާންމު ތަނަވަސްކަން އިތުރުވެގެންދާނެ ކަމަށެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރިފައިވާއިރު، މި ބިޒްނަސް ފޯރަމަކީ ދެ ޤައުމުގެ ޒަމާންވީ ޚާރިޖީ ގުޅުން، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ވަރުގަދަ ޢަމަލީ ގުޅުމަކަށް ބަދަލުކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތެކެވެ.

މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އެއީ 2015 ގަ އެވެ. އޭގެ ކުރިން ޕާކިސްތާނަށް ވަޑައިގެންނެވި ރާއްޖޭގެ ހަމައެކަނި ވެރިއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. ރައީސް މުއިއްޒަކީ ޕާކިސްތާނަށް ދަތުރުފުޅު ކުރައްވާ ރާއްޖޭގެ ތިންވަނަ ރައީސެވެ. 

އެެހެންވެ، ޕާކިސްތާނުން ވެސް ވަނީ ރައީސް މުއިއްޒުގެ ފުރަމާނަ ދަތުރުފުޅަށް ހާއްސަ އިސްކަމެއް ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް