މި ދިރާސާއިން ހާމަވި ގޮތުގައި ކަރުދާސް ހޮޅީގެ ގިނަ ބްރޭންޑުތަކުގައި އިންސާނާގެ ހަށިގަނޑަށާއި ތިމާވެއްޓަށް ގެއްލުންދޭ "ޕީއެފްއޭއެސް" ނުވަތަ ފޮއެވާ ކެމިކަލްސް އެކުލެވެ އެވެ.
މި ދިރާސާއަކީ ބެލްޖިއަމްގެ ޔުނިވާސިޓީ އޮފް އެންޓްވާޕްގެ ދިރާސާކުރާ ޓީމަކުން ކޮށްފައިވާ މުހިންމު ދިރާސާއެކެވެ. ސައިންޓިފިކް ޖާނަލެއް ކަމަށްވާ "ފުޑް އެޑިޓިވްސް އެންޑް ކޮންޓެމިނެންޓްސް" ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ވަނީ، ކަރުދާހާއި، ބިއްލޫރިއާއި، އޮނާއި، ޕްލާސްޓިކް އަދި ސްޓެއިންލެސް ސްޓީލް ބޭނުންކޮށްގެން ހަދާފައިވާ 39 ބްރޭންޑެއްގެ ބޯހޮޅި ޓެސްޓުކޮށްފަ އެވެ.
ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި، ޓެސްޓުކުރި ކަރުދާސް ހޮޅީގެ 90 ޕަސަންޓުގައި ޕީއެފްއޭއެސް ކެމިކަލްގެ އަސަރު ހުއްޓެވެ. މިއީ ޕްލާސްޓިކް ހޮޅިން މި ކެމިކަލް ފެނުނު މިންވަރަށް ވުރެ މަތީ އަދަދެއްކަން ސައިންސްވެރިން ފާހަގަކޮށްފައިވެއެވެ. މީގެ ސަބަބުން، ތިމާވެށި ހިމާޔަތްކުރުމަށް ޕްލާސްޓިކާ ދުރަށް ދިއުމަށް ބޭނުންކުރާ ކަރުދާސް ހޮޅިއަކީ ސިއްހަތަށް އެންމެ ރައްކާތެރި ގޮތް ނޫންކަން ވަނީ ހާމަވެފަ އެވެ.
ކަރުދާހުގެ އިތުރުން، ތިމާވެއްޓާ ރައްޓެހި ކަމަށް ބަލައި ބޭނުންކުރާ އޮނު އަދި ބިއްލޫރި ހޮޅީގައި ވެސް މި ނުރައްކާތެރި ކެމިކަލްގެ އަސަރު ހުރިކަން ދިރާސާއިން ވަނީ ދައްކާފައެވެ. ޓެސްޓުކުރި ހުރިހާ ބާވަތެއްގެ ތެރެއިން، ޕީއެފްއޭއެސްގެ އަސަރު އެއްގޮތަކަށް ވެސް ނުފެންނަ، އެންމެ ރައްކާތެރި ބާވަތެއް ކަމަށް ދައްކާފައިވަނީ ހަމައެކަނި ސްޓެއިންލެސް ސްޓީލް ހޮޅީގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;