ހޯމްލޭންޑް މިނިސްޓްރީގެ ރަސްމީ ސިޓީއެއް ކަމަށް ދައްކައިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފޮނުވާފައިވާ ކަމަށް ބުނާ ފޭކް ސިޓީއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުން ނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ސިޓީއަކީ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފަށް އެޑްރެސްކޮށް، އިހުސާން ސޮއިކުރައްވާފައިވާ ސިޓީއެކެވެ.
ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ އެ ސިޓީގައި ވަނީ، މަނީ އެކްސްޗޭޖް ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތަކާއި އަދި އެ ފަރާތްތަކުގެ އެކައުންޓުތަކަށް 500 ޑޮލަރަށްވުރެ މަތީގެ އަދަދުތަކުން ފައިސާ ފޮނުވާފައިވާ ފަރާތްތަކުގެ އެކައުންޓުތަކުގެ ފާއިތުވި ހަ މަސްދުވަހުގެ ބޭންކް އެކައުންޓު ސްޓޭޓްމަންޓުތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.
އަދި އެ މައުލޫމާތު ހިއްސާކުރާ އިރު، ސީއެސްވީ ފޯމެޓަށް މައުލޫމާތު ހިއްސާކޮށްދިނުމަށާއި، އެކައުންޓުތަކުގެ ވެރިފަރާތްތަކުގެ ފޯނު ނަންބަރާއި ވަޒީފާ އަދާކުރަމުން ގެންދާތަން ފަދަ މައުލޫމާތުތައް ވެސް ހިއްސާކޮށްދިނުމަށް އެދޭ ކަމަށް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ސިޓީގައިވެ އެވެ.
އެކަމާ ގުޅޭގޮތުން ބީއެމްއެލުން ބުނީ ކަސްޓަމަރުންގެ ބޭންކިން މައުލޫމާތު ބޭންކުން ހަމައެކަނި ފޯރުކޮށްދޭނީ ބޭންކިން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުންނާއި އަދި ތަހުގީގީ އިދާރާތަކުން ލިޔުމަކުން އެދި ބޭންކަށް ހުށަހެޅުމުން ކަމަށެވެ.
ފޭކް ސިޓީ ސޯޝަލް މީޑިއާގައި ދައުރުކުރަން ފަށާފައިވަނީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
މިގޮތުން، ރިސޯޓުތަކަށް ބޭރު ފައިސާ އިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް މުއިއްޒު މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;