ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލިހަށް ހުށައެޅުއްވީ ތުޅާދޫ ދައިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު އެވެ. ސަރުކާރުން ހުށައެޅި ގޮތަށް މަޖލީހުން މި ބިލް ފާސްކުރީ 2026 އޮގަސްޓު 26 ގައެވެ.
މި އިސްލާހުގައި ވަނީ ލާމަރުކަޒީ ގާނޫނު ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި، ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލްގެ އިހްތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލިހަށް ނިންމިދާނެ ކަމަށެވެ.
މި ފަދައިން މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުން މަޖިލިހުން ނިންމުމަށްފަހު، އެކަން ކަމާބެހޭ ގައިމީ އިދާރާއިން ކައުންސިލަށް އެންގުމުން އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިޔާތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަނަކަށް ވެގެންދާނެ ކަމަށް މި ބިލުގައި ވެއެވެ.
މީގެއިތުރުން ރަށެއްގެ ނުވަތަ ސިޓީ އެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ބިމެއް ހޯދުމަށް އެދޭ ހާލަތުގައި މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލުން ގައުމީ އިދާރާ އާ ހަވާލުކުރަން ވާނެ ކަމަށްވެސް މި ބިލުގައިވެއެވެ. އަދި ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމައީ މަންފާ އަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލު ކުރުން ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުމެއް ކައުންސިލްތަކަށް ނުނިންމޭ ގޮތަށް ވެސް ގާނޫނުގައި ހިމަނަން މި ބިލުގައިވަނީ އެދިފަ އެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;