މި މައްސަލައިގައި ސައުދުއަށް ކުރަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސައުދުގެ މައްޗަށް ކޯޓުގައި އުފުލާފައި ވަނީ ދެ ދައުވާއެކެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.
ދައުވާތަކުގެ ތަފްސީލުގައި ވަނީ، 17 މޭ 2021 ގައި ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވައިގެން، އެ ރަށަށް ސިޓީއެއްގެ ދަރަޖަ ލިބުމަށް ގާނޫނުން ލާޒިމްކުރާ ޝަރުތުތައް ފުރިހަމަވާ ރަށެއްގެ ގޮތުގައި ދެއްކުމުގެ ގޮތުން ސައުދު ސޮއިކޮށް ލޯކަލް ގަވަމަންޓު އޮތޯރިޓީއަށް ހިއްސާކުރި ސިޓީގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށެވެ.
އެގޮތުން ރަށަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އާބާދީގައި 10،000 މީހުން ރަޖިސްޓްރީވެފައި އޮންނާނެ ކަމަށް ގާނޫނުން ލާޒިމްކުރާއިރު، އެ އަދަދު ހަމަވާ ކަމަށް ސައުދު ފޮނުވި ސިޓީގައި، މަރުވެފައިވާ މީހުންނާއި ސައްހަކަން ކަށަވަރު ނުކުރެވޭ އެހެނިހެން މައުލޫމާތު ހިމަނާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ތިނަދޫ ސިޓީއަކަށް ހަދާފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންތެރޭގައި ކުރީގެ ރައީސް ސޯލިހު 2023 ވަނަ އަހަރުގެ އޮގަސްޓް 30 ގައެވެ. އޭގެ ފަހުން، މިހާރުގެ ސަރުކާރުން ވެސް ވަނީ އެކަން އެގޮތަށް ބާއްވަން ނިންމައިފަ އެވެ.
ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ ސައުދުގެ މައްޗަށް ކުރިއިރު، އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ. އަދި ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އަތުވެއްޖެނަމަ، މޭޔަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;