ނޯވޭގެ އާ ރަސްގެފާނު، ހޯކަން 8 ވަނަ، ރަސްކަމުގެ ތަޚުތަށް ވެޑުވީ އެކަމަށް ހާއްސަކުރެވިގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގަ އެވެ.
މި އިހުތިފާލާ ގުޅިގެން ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި، ނޯވޭގެ ރަސްކަމުގެ ދިގު ތާރީހީ އާދަކާދަތަކާއި ދެމެހެއްޓެނިވި އަގުތައް ނަގަހައްޓަވައި، އެޤައުމުގެ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ރަސްގެފާނު ހޯކަން 8 ވަނައިގެ ގާބިލު ލީޑާޝިޕާމެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށް ވިދާޅުވެފައިވެ އެވެ.
ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖެއާއި ނޯވޭއާ ދެމެދު އޮތީ އިޙްތިރާމާއި ބަދަހި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގާތް އެކުވެރި ގުޅުމެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ރަސްގެފާނު ހޯކަން 8 ވަނައިގެ ރަސްކަމުގައި ދެޤައުމުގެ މެދުގައިވާ އެކުވެރިކަމާއި ބިނާކުރަނިވި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވި އެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ރަސްގެފާނު ހޯކަން 8 ވަނައަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮ ކަމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ނޯވޭގެ ރައްޔިތުންނަށް އަމާންކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާކަންވެސް މެސެޖުގައި ހާމަކުރެއްވި އެވެ.
ނޯވޭގެ ރަސްގެފާނު ހެރަލްޑް 5ވަނަ އަވަހާރަވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެ ގައުމުގެ ރަސްކަމުގެ ތަހުތަށް ވެޑުވުނު ހޯކަން 8 ވަނަ، އަކީ ހެރަލްޑް 5ވަނައިގެ ދަރިކަލުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;