"ޑްރީމް ރިކޯޑަރު" ގެ ނަން ދީފައިވާ މި އާ އީޖާދަކީ މީހުންނަށް ފެންނަ ހުވަފެންތައް ހަނދާން ހުންނަ ގޮތަށް ކިޔައިދިނުމުން، އެ ކިޔައިދޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ވީޑިއޯ އުފައްދައިދޭ ޑިވައިސްއެކެވެ.
މި ޑިވައިސް މަސައްކަތްކުރާ ގޮތަކީ، މީހާ ހޭލުމަށްފަހު އޭނާއަށް ފެނުނު ހުވަފެން ހަނދާން ހުރި މިންވަރަކުން އަޑުގަދަކޮށް ކިޔައިދޭން ޖެހެނީ އެވެ. އެއަށްފަހު އެމީހަކު ބޭނުންވާ ވިޝުއަލް ސްޓައިލެއް ހިޔާރުކުރުމުން، އޭއައި މެދުވެރިކޮށް އެ މައުލޫމާތުތައް ކުރު ވީޑިއޯއަކަށް ބަދަލުކޮށްލަދޭނެ އެވެ. މިއީ ސީދާ މީހާގެ ސިކުނޑި ސްކޭންކޮށްގެން ނުވަތަ ސިކުނޑީގައި ހިނގާ ކަންކަން ރެކޯޑުކޮށްގެން މަސައްކަތްކުރާ އެއްޗެއް ނޫނެވެ.
މި ޑިވައިސް އިން އުފައްދާ ވީޑިއޯތައް ހުންނާނީ އާދައިގެ ހުވަފެންތަކެކޭ އެއްގޮތަށް ކުލަ ފަނޑުކޮށް އަދި ތަންކޮޅެއް ފުސްކޮށެވެ. މީގެ މައިގަނޑު ސަބަބަކީ، އާންމު ގޮތެއްގައި މީހުންނަށް ހުވަފެންތައް ފެނުމަށްފަހު އެ ހުވަފެނެއްގެ ހުރިހާ މަންޒަރެއް ވަރަށް ސާފުކޮށް ހަނދާން ނުހުންނާތީ އެވެ. އެހެންކަމުން މި ވީޑިއޯތައް ފަރުމާކޮށްފައިވަނީ އިންސާނާގެ ހަނދާނުގައި ހުވަފެންތައް ހުންނަ ފަދައިން ބައިބަޔަށް ބެހިފައިވާ ފަނޑު މަންޒަރުތަކެއް ގޮތަށެވެ.
މި އުފެއްދުމާ ގުޅޭގޮތުން "މޮޑެމް" ސްޓޫޑިއޯއިން ބުނީ މި ވީޑިއޯތައް ގަސްތުގައި ފުސްކޮށް ހަދާފައިވަނީ ހުވަފެންތަކުގެ އަސްލު ސިފަ ގެނެސްދިނުމަށެވެ. އަދި މިއީ ހަމައެކަނި ޓެކްނޮލޮޖީގެ އާލާތެއްގެ ބަދަލުގައި، މީހުންނަށް ފެންނަ ހުވަފެންތައް ހަނދާނުން ފޮހެވިގެން ދިއުމުގެ ކުރިން އޭގެ މަންޒަރުތައް ރައްކާކުރުމަށް އެހީތެރިވެދޭ ވަސީލަތެއް ކަމަށް ވެސް އެ ސްޓޫޑިއޯއިން ބުންޏެވެ.
އެހެންކަމުން މި ޑިވައިސް އިން އެންމެ ފަހުން ނެރެދޭ ވީޑިއޯއަކީ ހަގީގަތުގައި ވެސް މީހާގެ ހަނދާނުގެ މައްޗަށް ބިނާކޮށް އޭއައި އިން ކުރަހައިދޭ މަންޒަރުތަކެކެވެ. މިއީ ސީދާ ނިދީގައި ސިކުނޑީގައި ހިނގައިދިޔަ ކަންތައްތަކުގެ ރެކޯޑިންއެއް ނޫން ނަމަވެސް، މިއީ ހުވަފެންތައް ޑިޖިޓަލްކޮށް ރައްކާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މި އޯޕަން ސޯސް ޑިވައިސްގެ ސަބަބުން ކުރިމަގުގައި މި ދާއިރާއިން އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;