މި ރެކޯޑު ލިބިފައިވަނީ، ހޮޓް އެއާ ބެލޫނެއް ބޭނުންކޮށްގެން ޖައްވުގެ ސްޓްރެޓޯސްފިއާއަށް ފޯނު ފޮނުވާލުމަށްފަހު، ބިމަށް ވައްޓާލުމުން ފޯނު ހަލާކުނުވެ ސަލާމަތްވުމާ ގުޅިގެންނެވެ.
މިހާ އުސްމިނަކުން ވެއްޓި ފޯނު ސަލާމަތްވެފައިވަނީ މޯބައިލް އެކްސެސަރީޒް އުފައްދާ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ރައިނޯޝީލްޑް" އިން އަލަށް ފަރުމާކުރި "އެއާ އެކްސް" ފޯނު ކަވަރު ލައްވާފައި އޮތުމުންނެވެ. މިއީ އާންމުކޮށް ޕަސެންޖަރުން ގޮވައިގެން އުދުހޭ ބޯޓުތައް ދަތުރުކުރާ އުސްމިނަށް ވުރެ ތިން ގުނަ މަތީ މިންވަރެކެވެ.
މި ހާދިސާއަކީ އެޕަލް ކުންފުނީގެ ސްމާޓްފޯނަކަށް މިހާތަނަށް ކުރި އެންމެ ނުރައްކާތެރި އަދި އެންމެ އުނދަގޫ އެއް ޓެސްޓެވެ. ނަމަވެސް އެއްވެސް މައްސަލައެއް ދިމާނުވެ މި ޓެސްޓު ކާމިޔާބުވުމުން، ގިނިސް ވޯލްޑް ރެކޯޑުގެ ފޮތުން މި ޓީމަށް ވަނީ ޖާގަ ލިބިފަ އެވެ. އެގޮތުން ލިބުނު ރެކޯޑަކީ ބިމަކަށް، ފޯނު ކަވަރަކާ އެކު މޯބައިލް ފޯނެއް އެންމެ އުސްމިނުން ވައްޓާލުމުގެ ރެކޯޑެވެ.
މި ޓެސްޓާ ގުޅޭގޮތުން މިކަން އިންތިޒާމުކުރި ޓީމުން ބުނީ މިހާ އުސްމިނަކުން ފޯނު ވައްޓާލުމުން، އެއްވެސް ގެއްލުމެއް ނުލިބި ފޯނު ސަލާމަތްވާނެ ކަމަށް ކުރިން އުންމީދެއް ނުކުރެ އެވެ. ނަމަވެސް ފޯނު ބިމަށް ވެއްޓުނު އިރު، ފޯނުގެ ސްކްރީނަށާއި އެތެރޭގެ ބައިތަކަށް ގެއްލުމެއް ނުވެ ސަލާމަތްވުމަކީ ލިބުނު ވަރަށް ބޮޑު ހައިރާންކަމެއް ކަމަށް އެމީހުން ބުންޏެވެ.
ރައިނޯޝީލްޑްގެ ކަވަރަކާ އެކު އައިފޯން 17 ޕްރޯ އިން ހެދި މި އާ ރެކޯޑުގެ ސަބަބުން، އެ ކަވަރުގެ ރައްކާތެރިކަން މިވަނީ މުޅި ދުނިޔެއަށް ސާބިތުކޮށްދީފަ އެވެ. މިއީ މޯބައިލް ފޯނުތަކުގެ ރައްކާތެރިކަމަށް އުފައްދާ ކަވަރުތަކުގެ ފެންވަރު ވަޒަންކުރުމަށް ކުރެވުނު ވަރަށް ކާމިޔާބު އަދި ތާރީހީ ތަޖުރިބާއެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;