މިއަހަރުގެ ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މި ފެމިލީ ނައިޓަކީ، ސަގާފީ ނެށުންތަކާއި، ބޮޑުބެރުގެ އިތުރުން ތަފާތު މުނިފޫހިފިލުވުމުގެ އައިޓަމްތައް ހިމެނޭ ފޯރިގަދަ ރެޔަކަށް ވެގެންދާނެކަމަށް ފުލުހުން ބުނެ އެވެ. ސްޓޭޖުމަތީގައި ދައްކުވައިދޭ ފޯރީގެ ސަބަބުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބާރަށު ޝިޔާމަކީ މި ޝޯގެ އެންމެ މުހިންމު އެއް ފަންނާނުކަމަށްވެސް ފުލުހުންގެ ވެބްސައިޓްގައި ހިމަނާފައިވާ ހަބަރުގައި ވެއެވެ.
ފުލުހުން ބުނީ މި ޝޯ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 އިން 11:00 ކަމަށެވެ. މި ޝޯގައި ބާރަށު ޝިޔާމްގެ އިތުރުން ރާއްޖޭގެ މަޝްހޫރު "ހަބޭސް ބޮޑުބެރު ގްރޫޕް" އަދި "އެމްއެންޔޫ ސްޓޫޑަންޓް ޔޫނިއަންގެ ބޮޑުބެރު ގްރޫޕް" ގެ ހިތްގައިމު އަދި ފޯރިގަދަ ހުށަހެޅުންތައް ފެނިގެންދާނެކަމަށްވެސް ފުލުހުން ބުނެ އެވެ. މީގެއިތުރުން ދިވެހި ފުލުހުންގެ ހިދުމަތުގެ އެކި ބަހާތަކުގެ މުވައްޒަފުން ތައްޔާރުކޮށްފައިވާ ހާއްސަ މުނިފޫހިފިލުވުމުގެ އައިޓަމްތައް ވެސް މި ސްޓޭޖުން ފެނިގެންދާނެކަމަށް ފުލުހުން ބުނެ އެވެ.
މި ފެމިލީ ނައިޓަކީ ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ހަރަކާތްކަމަށް ފުލުހުން ބުނެ އެވެ. ފުލުހުންގެ ދުވަސް ފާހަގަކުރަން ހޮނިހިރު ދުވަހުގެ ހެނދުނު 6:00 ގައި "އެކުވެރިކަމުގެ ހިނގާލުން" ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހަވީރު 4:00 އިން 6:00 އަށް އާންމުކޮށް ހުޅުވާލައިގެން ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައިކަމަށް ފުލުހުން ބުނެ އެވެ. އަދި ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ އާދީއްތަ ދުވަހުކަމަށް ފުލުހުންގެ އިދާރާއިން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;