މި ފަހުން ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައިވާ މި ބޮޑު ސްކޭމް ހިންގާފައިވަނީ "ފްލައި ފާރ" (Fly Far) ނަމަކަށް ކިޔާ އޮންލައިން ޓްރެވަލް އޭޖެންސީއަކުންނެވެ. މި ކުންފުނިން ވަނީ މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި، ޤަބޫލުކުރަންވެސް ދަތިވާހާ ބޮޑެތި ޑިސްކައުންޓުތަކާއެކު ޓިކެޓް ވިއްކަން އިޝްތިހާރުކޮށްފައެވެ. ގިނަ ބަޔަކު މިކަން ޤަބޫލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކި ފަހުން، ކުއްލިއަކަށް އެ ކުންފުނީގެ ވެބްސައިޓާއި ހުރިހާ އޮޕަރޭޝަނެއް ވަނީ ހުއްޓާލައި، މުޅި ކުންފުނި ގެއްލިފަ އެވެ.
ރިޕޯޓުތައް ބުނާގޮތުން، މި އޭޖެންސީން ވަނީ ކަސްޓަމަރުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު، އެއްވެސް ޓިކެޓެއް އިޝޫކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެކި ބަހަނާތައް ދެއްކުމަށްފަހު، ފަހުން ކަސްޓަމަރުން ގުޅަން މަސައްކަތްކުރުމުން އެމީހުންގެ ނަންބަރުތަކާއި ސޯޝަލް މީޑިއާ އެކައުންޓުތައްވެސް ވަނީ މުޅިން ޑިލީޓްކޮށް، އިންޓަނެޓުން ފޮހެލާފަ އެވެ.
މި ޚަބަރަކީ ދިވެހިންވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ. ސަބަބަކީ، އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާ ފަދަ ޤައުމުތަކަށް ދަތުރުކުރުމަށް ގިނަ ދިވެހިންވެސް އެކި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޓިކެޓް ނަގަމުންދާތީއެވެ. ރާއްޖޭގައިވެސް ފަހަކަށް އައިސް އޮންލައިން ސްކޭމްތަކާއި ބޭންކިންގ ފްރޯޑްގެ މައްސަލަތައް އިންތިހާއަށް އިތުރުވަމުންދާއިރު، ބާޒާރުގައި ހުންނަ އަގުތަކަށްވުރެ މާ ބޮޑަށް "އަގުހެޔޮކޮށް" ލިބޭ ކޮންމެ އެއްޗަކީ އިތުބާރުކުރެވޭ އެއްޗެއް ނޫންކަން މި ހާދިސާއިން ސާބިތުކޮށްދެ އެވެ.
އެހެންކަމުން، އޮންލައިންކޮށް ޓިކެޓް ބުކްކުރާއިރު ނުވަތަ ޗުއްޓީއަށް ތަންތަން ހަމަޖައްސާއިރު، އިތުބާރު ހުރި، މަޝްހޫރު އަދި ވެރިފައިޑް އޭޖެންސީތައް ޚިޔާރުކުރުމަކީ އަމިއްލަ ފައިސާ ރައްކާތެރިކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ. މާ ބޮޑެތި ޑިސްކައުންޓްތައް ދޭނަމަ، ފައިސާ ދެއްކުމުގެ ކުރިން އެއީ އަސްލު ކުންފުންޏެއްތޯ ކަށަވަރުކުރުމަކީ މިފަދަ ބޮޑެތި މަކަރުތަކުން ސަލާމަތްވުމަށް އޮތް އެންމެ މުހިންމު މަގެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;