މި ވާހަކަތައް ފެތުރެން ފެށީ އެޕަލް ކުންފުނީގެ އާ ސީއީއޯގެ މަގާމާ ޖޯން ޓާނަސް ހަވާލުވުމާ ގުޅިގެންނެވެ.
އެޕަލްގެ ވެރިޔާގެ މަގާމުގައި 15 އަހަރު ވަންދެން ހުރި ޓިމް ކުކް ވަކިވުމުން، މި މަހުގެ އެއްވަނަ ދުވަހު އެ މަގާމާ ހަވާލުވީ ކުރިން އެ ކުންފުނީގެ ހާޑްވެއާ އިންޖިނިއަރިންއާ ބެހޭ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ޓާނަސް އެވެ. އޭނާ މަގާމާ ހަވާލުވުމާއެކު، އައިފޯނު ގަންނައިރު ފޮށީގެ ތެރޭގައި ޗާޖަރާއި ނަރުލީ ހެޑްފޯން އަލުން ހިމަނަން އޭނާ ނިންމަވާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓުތަކެއް ދައުރުވާން ފަށާފައެވެ.
ނަމަވެސް، ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެކެވެ. އެޕަލް ކުންފުނިން ރަސްމީކޮށް މިފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާއިރު، މިއީ ހަމައެކަނި ސޯޝަލް މީޑިއާގައި މީހުން އަމިއްލައަށް ހަދައިގެން އުޅޭ ވާހަކަތަކެއް ކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ. އައިފޯނާއެކު ޗާޖަރު ދިނުން އެޕަލްއިން ހުއްޓާލީ 2020 ވަނަ އަހަރު ނެރުނު އައިފޯނު 12 އާ ހިސާބުންނެވެ.
އެޕަލްއިން އޭރު ބުނެފައިވަނީ އައިފޯނު ފޮށިން ޗާޖަރާއި ހެޑްފޯން އުނިކުރީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ބޭނުމުގައި ކަމަށެވެ. މީގެ ސަބަބުން ކަސްޓަމަރުން އިތުރު ފައިސާ ހަރަދުކޮށްގެން އެ ތަކެތި ވަކިން ގަންނަން ޖެހުނު ނަމަވެސް، ކުންފުންޏަށް ވަނީ އެތައް ބިލިއަން ޑޮލަރެއްގެ ފައިދާ ވެފައެވެ. އެހެންކަމުން، މި ބަދަލު އަލުން އަނބުރާ ގެނައުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
އާ ސީއީއޯ ޓާނަސްގެ ލީޑަޝިޕްގެ ދަށުން އެޕަލްއިން މިހާރު އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ފަތްޖެހޭ ނުވަތަ ފޯލްޑަބަލް ފޯނު އުފެއްދުމުގެ މައްޗަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެޕަލްގެ އުފެއްދުންތަކުން ފެންނާނީ ޒަމާނީ އާ ޓެކްނޮލޮޖީތައް ކަމަށާއި، ކަސްޓަމަރުންނަށް ހިލޭ އެކްސެސަރީޒް ދިނުމުގެ ބަދަލުގައި ކުންފުނީގެ އާމްދަނީ އިތުރުކުރާނެ ގޮތްތަކަށް އިސްކަންދޭނެ ކަމަށް މާހިރުން ގަބޫލުކުރެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;