ads
ވެލާނާ އިންޓަރނޭޝަނަލް އެއަރ ޕޯޓް
ރާއްޖެ މަގުން ރަޝިޔާއަށް ތަކެތި ފޮނުވާކަމަށް ބޮޑު ތުހުމަތެއް!
ދިވެހިރާއްޖޭގެ މައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް ރަޝިޔާއަށް ހުޅަނގުގެ ޤައުމުތަކުގެ އުފެއްދުންތައް ކަމަށްވާ "ޑިއުއަލް-ޔޫޒް" ނުވަތަ ދެބޭނުމަށް ހިފިދާނެ އިލެކްޓްރޯނިކްސް އަދި ބައިތައް ފޮނުވަމުންދާ ކަމަށް ބުނެ ބައިނަލްއަޤްވާމީ ނޫހެއް ކަމަށްވާ "ވޯލް ސްޓްރީޓް ޖާނަލް" އިން ބޮޑު ތުހުމަތެއްކޮށްފިއެވެ. މިއީ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން، ދިވެހިރާއްޖެ މެދުވެރިކޮށް މުދާ އުފުލާ ކަމަށް ބުނެ ނެރުނު ތަޙުޤީޤީ ރިޕޯޓެކެވެ.
Advertisement

ވޯލް ސްޓްރީޓް ޖާނަލްގެ ތަޙުޤީޤީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ހުޅަނގުގެ ޤައުމުތަކުގައި އުފައްދާ މަތީ ފެންވަރުގެ އިލެކްޓްރޯނިކް ސާމާނާއި އެކި ކަހަލަ ޓެކްނޮލޮޖީގެ ބައިތައް ރަޝިޔާއަށް ފޮނުވުމަށް ބޭނުންކުރާ މުހިންމު ޓްރާންސިޓް ރޫޓެކެވެ. މީގެ ތެރޭގައި އާންމު ދިރިއުޅުމުގެ އިތުރުން ޢަސްކަރީ ކަންކަމުގައިވެސް ބޭނުންކުރެވިދާނެ ފަދަ "ޑިއުއަލް-ޔޫޒް" އިލެކްޓްރޯނިކްސް ހިމެނޭކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މި މުދާތައް ރަޝިޔާއަށް ގެންދަނީ މާލެއާއި މޮސްކޯއާ ދެމެދު ދުވަހުން ދުވަހަށް ދަތުރުކުރާ ރަޝިޔާގެ ޤައުމީ އެއާލައިން، އެއަރޯފްލޯޓްގެ އާންމު މަންޒިލްތަކުގެ ކޮމާޝަލް ފްލައިޓްތައް މެދުވެރިކޮށެވެ.

މި ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ހުޅަނގުގެ ޤައުމުތަކުން ރަޝިޔާއަށް ސީދާ މަގުން ތަކެތި އެކްސްޕޯޓްކުރުން މަނާކޮށްފައިވުމާއެކު، އެކި ކަންކޮޅުތަކުގެ ވިޔަފާރިވެރިންނާއި މެދުވެރިން ދަނީ ތިންވަނަ ޤައުމުތައް މެދުވެރިކޮށް ރަޝިޔާއަށް ސާމާނު ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އެގޮތުން ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ މުހިންމު މަންޒިލަކަށްވެފައި، ރަޝިޔާއަށް ދުވަހުން ދުވަހަށް ސީދާ ދަތުރުތައް ކުރާ އެއާލައިންތައް އޮތުމުގެ ސަބަބުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ކާގޯގެ ގޮތުގައި މިފަދަ ތަކެތި ފޮނުވުން ހިނގަމުންދާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވޯލް ސްޓްރީޓް ޖާނަލްގެ މިއުފެއްދުމާ ގުޅިގެން، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ކާގޯ މެދުވެރިންނާއި، ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން ވަނީ އެއާޕޯޓު މެދުވެރިކޮށް މުދާ ޓްރާންސިޓް ކުރުމާއި އެކްސްޕޯޓް ކުރުމުގެ ޤަވާއިދުތަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ކަންކަން ސާފުކޮށްދީފައެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ ރާއްޖެއިން ބައިނަލްއަޤްވާމީ ވިޔަފާރިއާއި ވައިގެ ދަތުރުފަތުރުގެ ޤަވާއިދުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތާކަމަށާއި، ކާގޯ ޓްރާންސިޓް ކުރުމުގެ ނިޒާމު ހިންގަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކުރެވޭ އަދި އެތެރެކުރެވޭ ކާގޯއާ ގުޅޭގޮތުން ހެދިފައިވާ އުސޫލުތައް އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް މުދާ ޓްރާންސިޓް ކުރުމުގެ ކަންކަން ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި އެއާޕޯޓު މެދުވެރިކޮށް ކުރެވޭ ކާގޯ ޓްރާންސިޓްގެ މަސައްކަތްތަކުގައި އުޅޭ މެދުވެރިންވެސް ވަނީ ޤަވާއިދާ އެއްގޮތަށް އަމަލުކުރުމުގެ މުހިންމުކަން ފާހަގަކޮށް، ޓްރާންސިޓް އުސޫލުތަކަށް އަލިއެޅުވައިފަ އެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ މިފަދަ ތުހުމަތުތަކާ ގުޅިގެން، ރާއްޖޭގެ އެއާޕޯޓުތަކާއި ކަސްޓަމްސް ނިޒާމު މެދުވެރިކޮށް ދަތުރުކުރާ ކާގޯގެ ރައްކާތެރިކަމާއި، ޤާނޫނީ އިމުގެ ތެރެއިން ކަންކަން ބެލެހެއްޓުމަށް އިދާރާތަކުން އިތުރު ސަމާލުކަމެއް ދޭންޖެހޭކަން މި ރިޕޯޓުން ހާމަވެއެވެ. ވޯލް ސްޓްރީޓް ޖާނަލް އިން ކުރި މި ތުހުމަތާއެކު، ދިވެހިރާއްޖޭގެ އެއާޕޯޓު މެދުވެރިކޮށް ކުރެވޭ ޓްރާންސިޓް ވިޔަފާރިއާއި، ކާގޯ އުފުލުމުގެ ނިޒާމަށް ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަން ވަނީ ލިބިގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;