ads
މާލެ ސިޓީ: އަކަފޫޓެއްގައި އެންމެ ގިނަގެން އުޅެވޭނެ މީހުންގެ އަދަދު ވެސް ކަނޑައަޅަން ޖެހޭ--
ކޮވިޑާއެކު ދިރިއުޅެން ދަސްނުވެއްޖެ ނަމަ ދެވަނަ ނުރައްކަލެއްގެ ބިރު!
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔު އެޗްއޯގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޑރ. މައިކް ރަޔަން ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، ދުނިޔެއިން ކޮރޯނާ ވައިރަސް އެއްކޮށް ނައްތާނުލެވިދާނެ ވާހަކައެވެ. އަދި ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން މަރުވަމުންދާނެ އެއް ސަބަބު ކަމުގައި މި ކޮވިޑް 19 ވައިރަސް ވެގެންދާނޭކަމެވެ.

 ކޮވިޑް 19 އިން ރައްކާތެރިކަން ހޯދުމަށްޓަކައި ސައިންޓިސްޓުން ދަނީ ވެކްސިނެއްގެ މަސައްކަތް ކުރަމުންނެވެ. އަދި ވެކްސިނެއް ހޯދުނުކަމުގައިވިޔަސް، އެފަދަ ވެކްސިނެއް ދުނިޔޭގެ ހުރިހާ ގައުމަކަށް ފުދޭ މިންވަރަށް ލިބެންޖެހެއެވެ. އެއްވެސް ގައުމެއްގައި މި ރޯގާ ފެތުރެމުން ދިއުމަކީ، ދުނިޔޭގެ އެހެނިހެން ގައުމުތަކަށް އޮތް ނުރައްކަލެއްކަން މިފަހަރުގެ ހާލަތުން އަޅުގަޑުމެންނަށް ވަރަށް ސާފުކޮށް އެބަ ހާމަވެއެވެ.

ކޮންމެއަކަސް، ޑަބްލިޔުއެޗްއޯއިން ހާމަކުރާ ގޮތުން އަޅުގަޑުމެން ކުރިއަތް އޮތް ދުވަސްތަކުގައި ދަސްކުރަންޖެހޭނީ މި ވައިރަހާ އެކުގައި ދިރިއުޅޭށެވެ. ދުނިޔޭގައި މިވައިރަސް އަބަދުވެސް އުޅެދާނެކަމަށް ބަލައިގެން ކަންކަން ރާވާށެވެ. މިހެންކަމުގައިވާނަމަ، ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ކަންކަމަށް ގެންނަންޖެހޭނީ ކޮންކަހަލަ ބަދަލުތަކެއް ތޯއެވެ؟

ރާއްޖޭގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައިމިވަނީ ފަތުރުވެރިކަމަށް ކަމުން، އަދި ފަތުރުވެރިކަމަކީ މިފަދަ ރޯގާއެއް އެންމެ ފަސޭހައިން ފެތުރެން މެދުވެރިވާ އެއް ވަސީލަތް ކަމުން، ރާއްޖޭގެ ފަތުރުވެރިކަމަށް ބަދަލުތަކެއް ޔަގީނުންވެސް ގެންނަންޖެހޭނެއެވެ. އެންމެ ފުރަތަމަ ކަމަކަށް، އޮން އެރައިވަލް ވިސާ ދޭ އުސޫލް ބަދަލުކޮށް، ހެލްތު ސްކްރީނިން އަދި ވެކްސިން ޖަހާފައި ހުރުން ފަދަ ޝަރުތުތައް ހިމެނެން ޖެހޭނެއެވެ.

 ރާއްޖޭގެ ކޮންމެ ރިސޯޓެއްގައިވެސް ޑޮކްޓަރުންނާއި ނަރުހުން އަދި ކަރަންޓީން ފެސިލިޓީތައް ހުރުން ލާޒިމް ކުރަންޖެހޭނެއެވެ. ބަލީގެ އަލާމާތްތައް ފެންނަ ފަތުރުވެރިންނާ މެދު އަމަލު ކުރާނޭ އުސޫލްތައް ކޮންމެ ރިސޯޓެއްގެ އެސްއޯޕީގައި ހިމަނަންޖެހޭނެއެވެ. ހަމަ މިގޮތަށް ގެސްޓްހައުސް ހިންގާ ކޮންމެ ރަށެއްގައިމެ، ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތްވާ ގޮތަށް ސިއްހީ ޚިދުމަތް ލިބެން ހުންނަންޖެހޭނެއެވެ. އަދި ކަރަންޓީން ފެސިލިޓީވެސް ގާއިމްކުރަންޖެހޭނެއެވެ.

މީގެ އިތުރުން ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި ކޮޓަރިތައް ސާފުކުރުމާއި، އެނދުގެ ލިނަން އަދި އެހެނިހެން ތަކެތި ސާފުކުރުމާއި، ބަދަލު ކުރުމުގެ ސްޓޭންޑަޑްތައްވެސް ބަދަލުކުރަންޖެހޭނެއެވެ. އަދި ރޫމް ބޯއިންގެ ރައްކާތެރިކަށް ހާއްސަ ފިޔަވަޅުތައް އަޅަންޖެހޭނެއެވެ. މިގޮތުން، އިތުރު ހަރަދުތަކެއް ކޮންމެ ރިސޯޓަކުންވެސް، އަދި ގެސްޓްހައުސްތަކުންވެސް ކުރަންޖެހޭނެކަމަށް ލަފާކުރެވެއެވެ.

ފަތުރުވެރިކަމަކީ ކަސްޓަމަރަށް ހިދުމަތްކުރުމުގައި ސީދާކޮށް މީހުން ހަރަކާތްތެރިވާންޖެހޭ ސިނާއަތެކެވެ. ޗެކިން ކުރުމާއި، ރެސްޓޯރަންޓްގައި ކެއުން ބުއިން ފޯރުކޮށް ދިނުމުގައާއި، ޑައިވިން، ސްނޯކްލިން، އަދި އެހެނިހެން ހިދުމަތްތަކުގައިވެސް ސީދާ މުވައްޒިފާ ކަސްޓަމަރާ މުއާމަލާތް ކުރަންޖެހެއެވެ. އެހެން ނަމަވެސް، ބެލެވޭ ގޮތުގައި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ފަތުރުވެރިކަމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ. މިގޮތުން ޓެކްނޮލޮޖީގެ އަލީގައި ޗެކިން ކުރުމާއި ޗެކްއައުޓް ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމާއި، އަދި ސެލްފް ސާވިސް ހިދުމަތްތައް އިތުރުވުން ހިމެނެއެވެ.

ދުނިޔޭގެ އެއާލައިންތަކަށް ބަލާއިރު، އަދި އެއަޕޯޓްތަކުގެ އިންތިޒާމްތަކަށް ބަލާއިރުވެސް، ރައްކާތެރިކަމުގެ ތަފާތު ފިޔަވަޅުތައް އިތުރުވެގެންދާނެކަމަށް ގަބޫލްކުރެވެ އެވެ. މިއާ އެކު، ދަތުރުފަތުރު ކުރުމުގެ އަގުތައް މައްޗަށް ދާނެކަމަށް ބެލެވެއެވެ. އަދި ކުރިއަށް އޮތް ދެތިން އަހަރު ފަތުރުވެރިން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް މަދުވެގެންދިއުން އެކަށީގެންވެއެވެ.

މީގެ މާނައަކީ، މިވަގުތުގެ ހާލަތަކީ ހަމައެކަނި ވަގުތީ ކަމެއްކަމުގައި ބަލައިގެން، އަދި މި އަހަރުގެ ފަހު ކޮޅުގައި ރާއްޖޭގެ ފަތުރުވެރިކަން އާންމު ހާލަތަކަށް ދާނެކަމަށް ބެލެވެން ނެތްކަމެވެ. އަދި ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތަކުގެ ހަގީގަތަކީ، ކުރިން ލިބެމުން އައި މާޖިން، ނުވަތަ ފައިދާ ލިބުން އެކަށީގެން ނުވުމެވެ. އަދި ކުރިއަށް ރާވާފައި ހުރި އިންވެސްޓްމަންޓްތަކާ މެދު އިތުރަށް ވިސްނަންޖެހެ އެވެ. ރާއްޖޭގެ އިގްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާނުވެ، އެހެނިހެން ސިނާއަތްތައް ދިރުވަން މަސައްކަތް ފެށުން މިހާރުވެސް ލަސްވެއްޖެއެވެ. ބާކީ ހުރި ފަޅުރައްތައް، އިތުރު ރިސޯޓްތައް ހެދުމުގެ ބަދަލުގައި ދަނޑުވެރިކަމާއި، އެހެނިހެން ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންކުރަންޖެހެ އެވެ.

ކޮވިޑާ އެއްކޮށް ދިރިއުޅެން ދަސްކުރާއިރު، މިހާރު މިއުޅޭ ގޮތަށް މާލޭގައި ތޮއްޖެހިގެނެއް ނޫޅެވޭނެ އެވެ. މާލޭގައި އިމާރާތް ކުރުމާއި މީހުން ދިރިއުޅުމުގެ އާ އުސޫލްތަކެއް ސަރުކާރުން ހަދަންޖެހެ އެވެ. ކޮންމެ އަކަ ފޫޓަކަށް އެންމެ ގިނައިން ދިރިއުޅެވޭނެ މީހުންގެ އަދަދު ކަނޑައެޅިގެން ނަމަވެސް، އިންސާނުން ދިރިއުޅުން އެކަށޭނަ މިންގަނޑަކަށް މާލޭގެ ހާލަތު ބަދަލުވެގެން މެނުވީ ސަލާމަތެއް ނެތެވެ. ވަރަށް އަވަސް، ހަރުދަނާ ފިޔަވަޅުތަކެއް މިކަމުގައި އަޅަންޖެހެއެވެ.

މިއަދުގެ ހާލަތުން އަޅުގަޑުމެންނަށް ލިއްބައިދިން އަނެއް ފިލާވަޅަކީ، ގައުމަށް މަސައްކަތްތެރިން އެތެރެވުމާއި ވާކް ވިސާ ދިނުމުގައި، އަދި އިމިގްރޭޝަން ހިދުމަތުގައި ހުރި ނުރައްކާތެރި ހީނަރުކަމާ ދޯދިޔާކަމެވެ. ތަފާތު ސަރުކާރުތަކުންވެސް އިސްލާހު ނުކުރެވި އޮތް ބިދޭސީންގެ މައްސަލައަކީ، ގައުމީ ސަލާމަތަށާއި، އާންމު ސިއްހަތަށް، އަދި މުޅި އިގްތިސާދަށް ވެސް ނުރައްކަލެކެވެ. މިހެންކަމުން، ކޮވިޑާއެކު ދިރިއުޅޭއިރު، ބިދޭސީންނަށް ގަވައިދާ ޚިލާފަށް އެތެރެވެވިގެން ނުވާނެ އެވެ. އަދި ރާއްޖޭގައި ވިސާނެތި، ނުވަތަ ގަވައިދާ ޚިލާފަށް ފަސޭހަކަމާ އެކު ވަޒީފާ އަދާކޮށްގެން އުޅެވިގެން ނުވާނެއެވެ. ބިދޭސީންގެ އާންމު ސިއްހަތާއި، ދިރިއުޅޭ ތަނުގެ ފެންވަރާއި ހާލަތާއި، ދިވެހިންގެ އާންމު ސިއްހަތާއި ރައްކާތެރިކަމާއި ގުޅިފައިވާ މުހިއްމު ކަންތައްތައްކަން އެންމެ ސާފުކޮށް ހާމަވަމުން އެބަދެއެވެ. މިހެންކަމުން، މިއީ އިސްލާހު ނުކޮށް ދޫކޮށް ނުލެވޭނޭ ކަމެކެވެ.

ކޮވިޑާއި އެއްކޮށް ދިރިއުޅޭ އިރު، ކޮންމެ ފަރުދަކުވެސް އަމިއްލަ ފައިމައްޗަށް ތެދުވެ، އާމްދަނީއެއް ހޯދުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. ވަރަށް ކުދި ކުދި އަދި ފަސޭހައިން ދިވެހިންނަށް އަދާކުރެވޭނޭ ވަޒީފާތައް، އަދި ފަސޭހައިން ދިވެހިންނަށް ކޮށްލެވޭނޭ ކަންކަން އަޅުގަޑުމެން މިތިބީ ބިދޭސީންނަށް ދޫކޮށްލައިގެންނެވެ. މިކަމުގެ ސަބަބުން ގައުމުން ބޭރުވެގެން މިދަނީ ވަރަށް ގިނަ ފައިސާއެވެ.

ދިވެހި ވިޔަފާރިވެރިން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، ހިދުމަތްތައް ދިނުމުގައާއި، އަދި ފައިސާ އަދާކުރުމުގައި ވީހާވެސް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށެވެ. އޮންލައިން ވިޔަފާރިތައް ފުޅާކޮށް، ޑެލިވަރީގެ ނިޒާމް ވަރުގަދަ ކުރަންޖެހެ އެވެ. ފިހާރަތަކުގައިވެސް ނަގުދު ފައިސާގެ ބަދަލުގައި ކާޑުން ނުވަތަ ފޯނުން ފައިސާ ދެއްކޭނޭ އިންތިޒާމްތައް ހަމަޖައްސަންޖެހެއެވެ.

ކޮންމެއަކަސް، އަޅުގަޑުމެން ބަލަންޖެހޭނީ ކޮވިޑް އަޅުގަޑުމެންނާ އެކު ދުވަސްތަކަކު އުޅޭނޭ ކަމަށެވެ. އަދި ކޮވިޑް ނޫނަސް އިތުރު އާ ރޯގާއެއްވެސް ހަމަ ކޮންމެ އިރަކުވެސް އައިސްދާނެކަމަށް ތައްޔާރުވެ ތިބެންޖެހެއެވެ. ވުމާއެކު އާ މިސްރާބަކަށް ގައުމު ގެންދިއުމަކީ ސަރުކާރަށް ޗޮއިސްއެއް ނޫނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް