ads
ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލި މައްސަލައިގައި ދެ މީހަކަށް ހުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފެއްގެ ނަމުގައި ގުޅައި މަކަރާއި ޙީލަތުން ފައިސާ ހޯދައި، އެ ފައިސާ ބޭނުންކުރި މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އަދަބު ކަނޑައަޅައިފި އެވެ.
Advertisement

މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ ޅ. ނައިފަރު، މާވަރު، އަސްލަމް ޒުހޫރުގެ އިތުރުން ރ. އަލިފުށި، ތަނޑިރަތްމާގެ، މަރްޔަމް ސަފްވާގެ މައްޗަށެވެ.

މިއީ 23 ޖަނަވަރީ 2021 ގައި ބީއެމްއެލްއިން ކަމަށް ބުނެ މީހަކަށް ގުޅައި، އެކައުންޓް ސެކިއުރިޓީ މައްސަލައެއް އުޅޭކަމަށާއި ކިޔަވާކުދިންގެ ލޯނެއް ހަމަޖައްސައިދޭނެކަމަށް ބުނެ އޮޅުވާލައި އަދި އޭނާގެ މަންމަ ގެ އެކައުންޓުން 75,457.74 ރުފިޔާ އެހެން އެކައުންޓަކަށް ޓްރާންސްފަކުރުވި މައްސަލަ އެވެ.

އެ ފައިސާގެ ތެރެއިން 50,000 ރުފިޔާ ޖަމާވީ އަސްލަމް ޘުހޫރުގެ އެކައުންޓަށެވެ. އޭގެ ތެރެއިން 25,000 ރުފިޔާ އޭޓީއެމް މެދުވެރިކޮށް އޭނާ ނެގިއިރު، ބާކީ 25,000 ރުފިޔާ ފޮނުވާފައިވަނީ މަރްޔަމް ސަފްވާގެ އެކައުންޓަށެވެ.

މި މައްސަލައިގެ ޝަރީޢަތުގެ އިބްތިދާއީ މަރުޙަލާގައި ދެ މީހުންވެސް ކުށަށް އިއުތިރާފުވުމުން، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ.

މި މައްސަލައިގައި މަރްޔަމް ޞަފްވާ ކުށަށް އިއުތިރާފުވުމުން އަދަބު ލުއިކޮށްދީ 4 މަހާއި 24 ދުވަހުގެ ޖަލު އަދަބެއް އިއްވި އެވެ. އަދި ގެއްލުންވި ފަރާތަށް ބަދަލުގެ ގޮތުގައި 25,000 ރުފިޔާ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވަނީ އަމުރުކޮށްފަ އެވެ.

އަސްލަމް ޘުހޫރު ވޭތުވެދިޔަ 6 އަހަރު ތެރޭގައި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑެއް އޮތުމުން އަދަބު މަތިވި ނަމަވެސް، އިއުތިރާފުވުމުން ލުއިދިނުމަށްފަހު އިއްވީ 4 މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ.

އަދަބު ބަދަލުކޮށްދިނުމަށް އެދުމުން ޤާޟީ ޞަފްއަތު ހަބީބް ވަނީ 3 މަހާއި 24 ދުވަހުގެ ޖަލު އަދަބު 28,800 ރުފިޔާގެ ޖޫރިމަނާއަކަށް އަދި ބާކީ 1 މަސްދުވަހުގެ ޖަލު އަދަބު 160 ގަޑިއިރުގެ މުޖުތަމައަށް ހިދުމަތްކުރުމުގެ އަދަބަކަށް ބަދަލުކޮށްދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;