މި ދިރާސާގެ މައިގަނޑު ބޭނުމަކީ ތިމާވެށީގައި އުޅޭ ޕްލާސްޓިކުގެ ކުދި މާއްދާތައް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް އެތެރެވުމުން ފުއްޕާމޭގެ ބަލިތަކަށް، ހާއްސަކޮށް ކެންސަރަށް މަގުފަހިވޭތޯ ބެލުމެވެ.
މި ދިރާސާ ޝާއިއުކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު ސައިންޓިފިކް ޖާނަލެއް ކަމަށްވާ "ސައިންސް އޮފް ދަ ޓޯޓަލް އެންވަޔަރަމެންޓް" ގައެވެ. މި ދިރާސާގައި ސައިންސްވެރިން ވަނީ ފުއްޕާމޭގެ ކެންސަރުގެ އޮޕަރޭޝަން ކުރި މީހުންގެ ފުއްޕާމޭގެ ސާމްޕަލްތަކާއި، ކެންސަރު ނެތް މީހުންގެ ސާމްޕަލްތައް އެއްކޮށް ތަހުލީލުކޮށްފައެވެ. ސައިންސްވެރިން ފާހަގަކުރި ގޮތުގައި ކެންސަރު ބަލީގެ ސަބަބުން ފަރުވާ ހޯދަމުންދިޔަ މީހުންގެ ފުއްޕާމޭގެ ފުން ހިސާބުތަކުން މައިކްރޯޕްލާސްޓިކް ފެނުނު މިންވަރު އެހެން މީހުންނަށްވުރެ އެތައް ގުނައެއް އިތުރެވެ.
ތަހުލީލުތަކުން ދެއްކި ގޮތުގައި ފުއްޕާމެއިން އެންމެ ގިނައިން ފެނިފައިވަނީ ކާބޯތަކެތި ޕެކެޓްކުރުމަށާއި އަންނައުނު އުފެއްދުމުގައި ބޭނުންކުރާ ޕޮލިޕްރޮޕިލީން އަދި ޕީއީޓީ ފަދަ ޕްލާސްޓިކުގެ ބާވަތްތަކެވެ. މިފަދަ މައިކްރޯޕްލާސްޓިކްގެ ސައިޒު ހުންނަނީ އިންސާނާގެ ލޮލަށް ފަސޭހައިން ނުފެންނަހާ ކުދިކޮށެވެ. މީގެ ސަބަބުން ވައިގެ ތެރޭގައި އެ މާއްދާތައް ދައުރުވެ، ނޭވާލާއިރު ސީދާ ފުއްޕާމޭގެ އެންމެ އެތެރެއަށް ވާސިލުވުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ.
މި ދިރާސާގައި އިސްކޮށް އުޅުނު ސައިންސްވެރިޔާ ޑރ. ލޯރާ ސަޑޮފްސްކީ ބުނި ގޮތުގައި، އިންސާނާގެ ހަށިގަނޑުގެ އެންމެ އެތެރޭގެ ގުނަވަންތަކުން މި މިންވަރަށް މައިކްރޯޕްލާސްޓިކް ފެނުމަކީ ސިހުން ލިބުނު ކަމެކެވެ. އަދި ފުއްޕާމޭގެ ކެންސަރު ހުންނަ މީހުންގެ ހަށިގަނޑުން ގިނަ އަދަދަކަށް ޕްލާސްޓިކް ފެނުމަކީ، މި މާއްދާތަކުގެ ސަބަބުން ސެލްތަކަށް ގެއްލުންވެ ބަލިތައް ޖެހުމަށް މަގުފަހިވާކަމުގެ ހެއްކެއް ކަމަށް އޭނާ ބުންޏެވެ.
މި ހޯދުމާއެކު ދިރާސާވެރިން ބުނަނީ ޕްލާސްޓިކުގެ ސަބަބުން އިންސާނާގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް އިތުރަށް ބެލުމަށް އިތުރު ދިރާސާތައް ބޭނުންވާ ކަމަށެވެ. އަދި މިއީ ތިމާވެށި ރައްކާތެރިކުރުމަށާއި، ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް މުޅި ދުނިޔެއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމުގެ އިންޒާރެއް ކަމަށްވެސް ދިރާސާވެރިން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;