ads
އީރާނު އެންބަސީން ޓްރަމްޕު އެއްލާލީ ޑަސްބިނަށް!
އީރާނު އެންބަސީން ޓްރަމްޕު އެއްލާލީ ޑަސްބިނަށް!
އެމެރިކާގެ ކޮންގްރެސްގެ މެޖޯރިޓީ ޑިމޮކްރެޓުން ހޯދައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް މިޑްޓާމް އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން، އިންޑިއާގައި ހުންނަ އީރާނުގެ އެމްބަސީން ޓްރަމްޕަށް ވަރަށް ބޮޑަށް މަލާމާތްކޮށްފި އެވެ.
Advertisement

އީރާނުގެ އެމްބަސީން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ފެންނަނީ، ސޫޓު ލައިގެން ތިބި ބަޔަކު ޓްރަމްޕް އުފުލައިގެން ގެންގޮސް "ނުރައްކާތެރި ކުނި" އަޅާ ބޮޑު ޑަސްބިނަކަށް އޭނާ އެއްލައިލާ މަންޒަރެވެ.

އިންޑިއާގައި ހުންނަ އީރާނު އެމްބަސީގެ ރަސްމީ އެކައުންޓުން މި ވީޑިއޯ ހިއްސާކުރަމުން ކުރު ކެޕްޝަނެއްގެ ގޮތުގައި ލިޔެފައިވަނީ "އެމެރިކާގެ މިޑްޓާމް އިންތިހާބު" މިހެންނެވެ. އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދެ ގެ ކަމަށްވާ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އަގުލަބިއްޔަތު އިދިކޮޅު ޑިމޮކްރެޓުން ކާމިޔާބުކުރުމާ ގުޅިގެން، ޓްރަމްޕްގެ ސަރުކާރަށް ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

އީރާނުން މިފަދަ ޖޯކު ޖަހާފައި މިވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ އަދި ސިޔާސީ ހަމަނުޖެހުންތައް އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މިއަހަރުގެ ތެރޭގައި ތެލުގެ އަގު އުފުލި، އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، މަސްރަހު ހޫނުވެފައި އޮތުމަށްފަހު، އެމެރިކާގެ ރައްޔިތުން ނިންމި ނިންމުމަކީ ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކަށް ދިން ރައްދެއްގެ ގޮތުގައި އީރާނުން ދަނީ ސިފަކުރަމުންނެވެ.

އީރާނުގެ ޑިޕްލޮމެޓިކް މިޝަންތަކުން ފަހަކަށް އައިސް އަންނަނީ އިންޓަނެޓުގައި ވައިރަލްވާ މީމްތަކާއި ސަމާސާ ޕޯސްޓުތައް ބޭނުންކޮށްގެން އެމެރިކާގެ ލީޑަރުންނަށް ފުރައްސާރަކުރުމުގެ އުކުޅުތައް ބޭނުންކުރަމުންނެވެ. މިގޮތުން އިންޑިއާގައި ހުންނަ އީރާނު އެމްބަސީން ހިއްސާކުރި މި ވީޑިއޯއަށް ސޯޝަލް މީޑިއާގައި މިލިއަނަކަށް ވުރެ ގިނަ މީހުންގެ ސަމާލުކަން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ލިބިފައެވެ.

ކޮންގްރެސްގެ ކޮންޓްރޯލް ޑިމޮކްރެޓުންގެ އަތްދަށަށް ދިއުމަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޓްރަމްޕްގެ ހާރިޖީ ސިޔާސަތުތަކަށާއި އަސްކަރީ ހަރަދުތަކަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމެކެވެ. މީގެ ސަބަބުން އީރާނާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ ހަރުކަށި ފިޔަވަޅުތަކަށް ގާނޫނުހަދާ މަޖިލީހުގެ ތެރެއިން ފާޑުކިޔުންތައް އިތުރުވެގެންދާނެ ކަމަށް މުރާސިލުން ލަފާކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް