މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނަގިލި ކަހާލައިގެން އޮޔާ ގޮސް ސިނަމާލޭ ބްރިޖަށް އުރުނެ ދެ ބޯޓުގެ މައްސަލަގައި ސަލާމަތާއި ބެލެހެއްޓުމުގެ ނިޒާމުގައި ހުރި ބޮޑެތި ބާގަނޑުތައް ހާމަވަގެން ގޮސްފައިވާތީ އެކަން ބަލާދިނުމަށް އެދި ރައްޔިތުން މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ 241 ކޮމެޓީއަށް ހުށައަޅައިފި އެވެ.

Advertisement
މިިދޔަ ބުރާސްފަތި ދުވަހުގެ ރޭ ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ގޮސްފައިވާކަމަށް ރޭ އެމްއެންޑީއެފުން ވަނީ ބުނެ ފައެވެ. މި ދެ ބޯޓަކީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހުއްދަނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ، އަދި ސަރުކާރަށް ނޭނގި މާލެ ކައިރީގައި ނަގިލި ލައިގެން އޮންނަތާ ހަފުތާއެއް ފަހުން ސިފައިންނަށް އެނގިގެން އަތުލައިގަތް ދެ ބޯޓްކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެ ފައެވެ.
މި މައްސަލައަކީ ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތާއި ރައްކާތެރިކަމާއި މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދޭކަމަށްކަމަކަށްވާކަން ފާހަގަކުރައްވާ މި މައްސަލަ ބަލާދިނުމަށް އެދި ހުށައެޅީ ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރުން މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ މި ދެ ބޯޓުގެ މައްސަލާގައި ސަރުކާރުގެ ކަމާއި ބެހޭ ދާއިރާތައް ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީއަށް ހާޒިރުކޮށް 4 ކަމެއް ސާފުކޮށްދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.
ކުޑޫ ސާފުކޮށްދިނުމަށް އެދިވަޑައިގެންނެވި ކަންކަން
- މި ދެ ބޯޓް ރާއްޖޭ ސަރަހައްދަށް ވަދއިފައިވަނީ މިއަހަރުގެ އޭޕްރިލްމަހުގެ 26ވަނަ ދުވަހު ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ހުއްދައަކާއި ނުލާކަމަށާއި މި ބޯޓް މާލެކައިރީ އޮންނަކަން އެނގުނީ މެއި މަހުގެ 3 ވަނަދުވަހުކަމަށްވާތީ މި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވާން ދިމާވި ސަބަބުތަކާއި މިކަމުގައި އިހުމާލުވި ފަރާތްތަކަކީ ކޮބައިކަމާއި ޒިންމާދާރު ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު އަޅާފައިވޭތޯ
- މި ދެބޯޓްގައި ތިބި ފަޅުވެރިން ހާލުގައި ޖެހިފައިވާތާ 5 މަސްވެފައިވާއިރު އަދި އެ ފަރާތްތަކުގެ ކަންބޮޑުވުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފަައިވާއިރުވެސް މި މައްސަލައަށް މިހާތަނަށް އެކަށޭނަ ހައްލެއް ހޯދާދެވިފައި ނުވާނީ ކީއްވެގެންތޯ
- މާލޭގެ ބަނދަރު ސަރަހައްދުގައި މި އުޅަނދުތައް އަޅާފައި އޮތް މުއްދަތުގައި އުޅަނދުތަކުގެ ސަލާމަތީ އަދި ފަންނީ ހާލަތު ވަޒަންކުރުމަށް ކަމާއި ގުޅޭ އިދާރާއަކުން އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ
- ސިނަމާލެ ބްރިޖަށް މިފަދަ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާއިރު މި ބްރިޖަކީ އެކަށީގެންވާ ގޮތެއްގައި އިންޝުއާ ކުރެވިފައިވާ ތަނެއްތޯ އަދި މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމުގެ އިންތިޒާމް ހަމަޖެހިފައިވާ މިންވަރު
މި ހާދިސާއަކީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމުގެ މައްސަލަތަކާއި ގައުމީ ސަލާމަތާއި ބެލެހެއްޓުމުގެ ނިޒާމުގައި ހުރި ބޮޑެތި ބާގަނޑުތައް ހާމަވަގެންދިޔަ ކަމެއްކަމަށް ކުޑޫގެ ސިޓީގައި ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ރައްޔިތުން މަޖިލީހުގެ ދައުރުގެ ތެރެއިން މިކަން ބައްލަވާ އަޅަންޖެހޭ ފިޔަވަޅުތައް އަަޅާދެއްވުމަށް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.