ads
ބީއެމްއެލްއިން ކާޑް ލިމިޓަށް ބަދަލުތަކެއް ގެންނަނީ
ޓީމޫއިން ބީއެމްއެލްއިން ވިޔަފާރިކުރަން ދުވާލަކަށް 100،000 ޑޮލަޜު ކަނޑައަޅައިފި
ބީއެމްއެލްގެ ރުފިޔާ ކާޑުން ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކުގެ ލިމިޓަށް މަހަކު 16 މިލިއަން ޑޮލަރު އެ ބޭންކުން ކަނޑައަޅާ އިއުލާންކޮށްފި އެވެ.
Advertisement

ބޭންކުން ބުނީ މި ލިމިޓަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށެވެ. އަދި މަހެއްގެ މައްޗަށް ކަނޑައެޅި  16 މިލިއަން ޑޮލަރު ވަނީ ކެޓަގަރީތަކަކަށް ބަހާލައިފައެވެ. 

ބީއެމްއެލުން ކަނޑައެޅި ލިމިޓްގައިވާ ގޮތުން ⁠އެންމެ ގިނައިން ދިވެހިން ބޭނުންކުރާ އީ-ކޮމާސް މާޗަންޓުން ކަނޑައަޅަފައިވަނީ  ތިން މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދުވާލަކު 100،000 ޑޮލަރު) އެވެ. އޭގެ ތެރޭގައި ޓީމޫ ،އެމޭޒަން އަލިބާބާ ހިމެނެނީ އޭގެ ތެރޭގައެވެ.

އީ-ކޮމާސް މުއާމަލާތްތަކަށް ކަނޑައެޅިފައިވާ ޖުމްލަ އަދަދު

ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރުމަށްޓަކައި، ކޮންމެ މަހަކު 16 މިލިއަން ޑޮލަރާ ހަމައަށް އަދަދެއް ކަނޑައަޅާފައިވާ ކަމަށެވެ.

މިގޮތަށް ކަނޑައަޅާފައިވާ މަހުގެ ޖުމްލަ އަދަދުގެ ތެރެއިން، ކަސްޓަމަރުންގެ ބޭނުންތަކަށާއި ދެވޭ ހިދުމަތްތަކުގެ މުހިންމު ކަމަށް ރިއާޔަތްކޮށް، ވަކިވަކި ދާއިރާތަކުގެ ވިޔަފާރިތަކަށް ދުވާލަކު ބޭނުންކުރެވޭނެ ވަކި ލިމިޓްތަކެއް ވަނީ ކަނޑައަޅާފަ އެވެ.

ބީއެމްއެލް އިން ބުނީ ވަކި ދާއިރާއަކަށް ނުވަތަ ވިޔަފާރިއަކަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ހަމަވެއްޖެނަމަ، ކަސްޓަމަރުންނަށް ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ކުރެވިދާނެ ކަމަށެވެ. އަދި ޑޮލަރު ކާޑެއް އޮތްނަމަ އެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ފުރިހަމަކުރެވޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ދުވާލަކު ބޭނުންކުރެވޭނެ ލިމިޓް ރީސެޓްވާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 7:00 ގަ އެވެ.

1. އެންމެ ގިނައިން ވިޔަފާރިކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް

ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން އެންމެ ގިނައިން ވިޔަފާރިކުރާ ބޭރުގެ 150 އީ-ކޮމާސް ޕްލެޓްފޯމްގެ ލިސްޓެއް ބޭންކުން ވަނީ އާންމުކޮށްފަ އެވެ.

މި ލިސްޓުގައި ތައުލީމީ، ސިއްހީ، ދަތުރުފަތުރާއި ހޮޓެލް ބުކިން، އަދި އެހެނިހެން ޒަރޫރީ ހިދުމަތްތައް ނުހިމެނޭ ކަމަށާއި މި ކެޓެގަރީގައި ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ ބައިނަލްއަގުވާމީ ބޮޑެތި ރީޓެއިލް އަދި ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ހިމެނޭ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

މިފަދަ ވިޔަފާރިތަކަށް މަހަކު ޖުމްލަ ތިން މިލިއަން ޑޮލަރު -- ދުވާލަކަށް 100,000 ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ.

2. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް

ކަސްޓަމަރުން މިހާރު ބޭނުންކުރާ މިންވަރަށް ބަލައި، މެޓަ (ފޭސްބުކް އަދި އިންސްޓަގްރާމް) އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަކި މިންވަރެއް ވަނީ ކަނޑައަޅާފަ އެވެ.

މި ކެޓެގަރީއަށް މަހަކު 1.5 މިލިއަން ޑޮލަރު -- ދުވާލަކަށް 50,000 ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ.

3. ދަތުރުފަތުރާއި ހޮޓެލް ބުކިން

އޮންލައިންކޮށް އެއާލައިން ޓިކެޓް ގަތުމާއި ހޮޓެލް ބުކިން ހެދުން ފަދަ ދަތުރުފަތުރާ ގުޅުންހުރި މުއާމަލާތްތަކަށް މަހަކު ހަ މިލިއަން ޑޮލަރު -- ދުވާލަކަށް 200,000 ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ.

ބީއެމްއެލް އިން ބުނީ އެހެން މީހުންނަށް ދަތުރުފަތުރުގެ ޓިކެޓާއި ހުރުމުގެ ހަރަދުތައް ހަމަޖައްސައިދިނުމަށް ކަސްޓަމަރުން ކުރާ މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން، ބޭރު ފައިސާ ބޭރަށްދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން މި ކެޓެގަރީގެ ވިޔަފާރިތަކަށް ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތް ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.

4. ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި އެހެނިހެން މުހިންމު ޚިދުމަތްތައް

ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން މުހިންމު ދާއިރާތަކަށް މަހަކު 3 މިލިއަން ޑޮލަރު -- ދުވާލަކަށް 100,000 ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ.

ބީއެމްއެލް އިން ބުނީ ބޭންކުން މި ދާއިރާގެ މުއާމަލާތްތައް ބަލަމުންދާނެ ކަމަށާއި އަދި ބޭނުންވާ ހާލަތްތަކުގައި ބަދަލުތައް ގެންނާނެ ކަމަށެވެ.

5. އެހެނިހެން ހުރިހާ ވިޔަފާރިތަކެއް

ބީއެމްއެލް އިން ބުނީ އެހެނިހެން އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު ޖުމްލަ 1.8 މިލިއަން ޑޮލަރު -- ދުވާލަކަށް 60,000 ޑޮލަރު) ކަނޑައަޅާފައިވާ ކަމަށެވެ.

މިގޮތަށް ލިމިޓް ކަނޑައެޅުމުގެ ބޭނުމަކީ ޒަރޫރީ ނޫން ކަންކަމަށް ކުރާ ބޭރު ފައިސާގެ ހަރަދުތައް ކޮންޓްރޯލްކޮށް، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށް ދިނުމަށް އިސްކަން ދިނުން ކަމަށާއި ބޭންކުން މުއާމަލާތްތައް ކުރާ މިންވަރާއި، ކަސްޓަމަރުން މުއާމަލާތްކުރާ ގޮތްތަކާއި، އަދި ބޭންކުގައި ބޭރު ފައިސާ ހުރި މިންވަރަށް ބަލައި، ދާއިރާތަކަށް ކަނޑައެޅިފައިވާ އަދަދުތަކަށް އެވަގުތަށް އެންމެ އެކަށީގެންވާ ބަދަލުތައް ގެންނާނެ ކަމަށެވެ.

6. ސިއްހަތާއި ތައުލީމު

ސިއްހީ އަދި ތައުލީމީ ކަންކަމާ ގުޅޭ މުއާމަލާތްތަކަށް އެއްވެސް މާޗަންޓް ލެވެލްއެއް ނުވަތަ ކެޓެގަރީ ލިމިޓެއް ކަނޑައެޅިފައިނުވާ ކަމަށާއި ނަމަވެސް މިފަދަ މުއާމަލާތްތައް ހަމަޖެހިގެންދާނީ ބީއެމްއެލް އިން މަހަކަށް ކަނޑައަޅާފައިވާ 16 މިލިއަން ޑޮލަރުގެ ޖުމްލަ އަދަދުގެ ތެރެއިން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

މި ޒަރޫރީ ހިދުމަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، އެހެނިހެން ކެޓެގަރީތަކާ ވަކިން ހާއްސަ ބަފަރއެއް ބޭންކުން ދަމަހައްޓާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

މި ކެޓަގަރީގެ ދަށުން ކުރެވޭ މުއާމަލާތްތައް ބޭންކުން ގާތުން މޮނިޓާ ކުރަމުންދާނެ ކަމަށާއި ހާލަތަށް ރިއާޔަތްކޮށް، ކަނޑައެޅިފައިވާ އަދަދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ކޮންމެ ދުވަހެއްގެވެސް ކެޓަގަރީ ލިމިޓްތައް ހެނދުނު 7:00 ގައި އާ ވާނެކަން ކަމަށެވެ. ލިމިޓް ހަމަވެއްޖެނަމަ، ކަސްޓަމަރުންނަށް އޮތީ ދެ ގޮތެއްކަމަށް ބޭންކުން ބުނެ އެވެ.  އެއީ ޖެހިގެން އަންނަ ދުވަހު އަލުން އޯޑަރު ޖެހުމަށް މަސައްކަތްކުރުން ނުވަތަ ޑޮލަރު ކާޑެއް އޮތްނަމަ، އެ ކާޑު ބޭނުންކުރުން ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;