މިއަދު އިސްލާމިކް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި މިސްކިތް އެޅުމަށް ބޭނުންވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި އައްރާޖިޙީ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ބަންދަރު އަބްދުﷲ އައްރާޖިހީ އެވެ.
ހުޅުމާލޭގައި ބިނާ ކުރާ އެންމެ ބޮޑު މިސްކިތަށް ކިޔަނީ، "ސުލްތާން މުޙައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރު" އެވެ. މި މަޝްރޫއުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
އިސްލާމީ އަދި ތާރީހީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާއީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްވެސް މިސްކިތާއެކު ތަރައްގީކުރާނެ އެވެ. މިސްކިތަށް ޒިޔާރަތް ކުރާ އާންމުންނާއި ފަތުރުވެރިންނަށް ހާއްސަ ވިޒިޓަރ އޭރިއާއެއް ގާއިމްކުރާއިރު، އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއްވެސް މިތަނުގައި ހުންނާނެ އެވެ.
މި ބިނާއަކީ، ހުޅުމާލޭގެ ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތާއި ސަގާފަތް ފޯރުކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ މުހިންމު ބިނާއެކެވެ.
މި މިސްކިތް ބިނާކުރެވިގެންދާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގާއި ޕާކިން ވެސް ހިމެނޭނެ އެވެ. އަދި ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މި މިސްކިތުގައި ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށާއި މިސްކިތުގައި ޑިޒައިން އެއްކޮށް ނިމުމުން ޢަދަދު ކަށަވަރުވެގެންދާނެ ކަމަށް ޝަހީމް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;