ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ވަގުފަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ހާއްސަ މަފްހޫމެއް ކަމަށާއި ބޭރުފުށުން ބަލާއިރު އެއީ އިގުތިސާދީ މަފްހޫމަކަށް ވިއަސް، ފުންކޮށް ވިސްނާލުމުން އެއީ އިންސާނީ މަންފާއާ ގުޅޭ އެތައް ފަށަލަތަކެއް ހިމެނޭ އޯގާވަންތަކަމުގެ ދަލީލެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ވަގުފުގެ ސަބަބުން އިގުތިސާދީ ހަރުދަނާ ބިންގަލެއް އެޅި، އެ ބިންގަލުގެ މަތީގައި ފަރުދީ އިޖުތިމާއީ މަންފާގެ ބިނާތައް އާރާސްތުވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ އިސްލާމީ ވެށި ހަރުދަނާކުރުމަށްޓަކައި ދީނީ ކަންކަމަށް ކުރެވޭ ޚަރަދުތައް އިތުރުކުރަން ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ޒަމާނާ އެއްގޮތަށް މިސްކިތްތައް ބިނާކުރުމާއި، ޝަރުއީ ހަމަތަކުގެ މަތިން ހިންގޭ ވިޔަފާރީގެ ދާއިރާތައް އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ ޚާއްސަ ތަސައްވުރެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިއަދު އުފެއްދެވި "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" އަކީ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން، އާމްދަނީ ލިބޭނެ ފަދަ ވަޤުފު އިމާރާތްތަކާއި ވިޔަފާރި މަޝްރޫއުތައް ތަރައްގީކޮށް ހިންގުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;