އެސްއެފްޑީގެ ސީއީއޯ، މިނިސްޓަރު ޒަރީރުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ތަރައްގީގެ ދާއިރާއިން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އިގުތިޞާދީ ކުރިއެރުމަށާއި އަސާސީ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އިސްކަންދޭ އުމްރާނީ މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސިންގ ހޯދުމާ ގުޅޭގޮތުންނެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޒަރީރުވަނީ އެސްއެފްޑީ އިން ރާއްޖޭގެ ތަރައްގީއަށް ދެއްވަމުންދާ ދިގު މުއްދަތުގެ އެހީތެރިކަމާއި ބާއްވަވާ ގާތް ގުޅުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ 1978 ވަނަ އަހަރު، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ދޫކުރި ފުރަތަމަ ލޯނާ އެކުގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް، އެ ފަންޑުން ވަނީ 14 މަޝްރޫއަކާއި ޕްރޮޖެކްޓްތަކަށް ޖުމްލަ 17 ލޯނު ދޫކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނޭ ފައިނޭންސިންގެ ޖުމްލަ އަދަދު 488 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރެވެ.
އެ ފަންޑުގެ އެހީތެރިކަން ވަނީ ދަތުރުފަތުރާއި، ޞިއްހީ ދާއިރާއާއި، ބޯހިޔާވަހިކަމުގެ އިތުރުން ސިޓީ ތަރައްގީކުރުން ފަދަ މުހިންމު ދާއިރާތަކަށް ފޯރުކޮށްދީފަ އެވެ. އެސްއެފްޑީގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް ތަރައްގީކުރުމުގެ މަޝްރޫ އެވެ. މި މަޝްރޫއަށް އެ ފަންޑުން ގާތްގަނޑަކަށް 217 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިންގ ފޯރުކޮށްދީފައިވެ އެވެ. މީގެ އިތުރުން، ރާއްޖޭގެ ޞިއްހީ ދާއިރާ ތަރައްގީކުރުމުގެ ޕްރޮގްރާމަށް 50 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، ހުޅުމާލޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށްވެސް އެ ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އެސްއެފްޑީއަކީ ބައިނަލްއަގްވާމީ ތަރައްގީގެ ދާއިރާއިން ސައޫދީ އަރަބިއްޔާގެ ފަރާތުން މަސައްކަތް ކުރާ މައި އިދާރާ އެވެ. 1974 ވަނަ އަހަރު ގާއިމުކުރެވުނު މި ފަންޑުގެ މަގުސަދަކީ، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ކުރިއަށްގެންދާ މުހިއްމު މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ގައުމުތަކުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އެއްބާރުލުން ދިނުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;