ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ރާއްޖޭގައި ހިންގާ ބޭންކެއްގެ ބޭންކު އެކައުންޓަށް ޖަމާކުރަން ޖެހޭ ގޮތަށް 'ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދަށް' މިދިޔަ އޮގަސްޓް މަސްތެރޭ ވަނީ އިސްލާހުކޮށްފަ އެވެ.
އެ އިސްލާހު ބުނާ ގޮތުން، ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް، ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަން ޖެހޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެމްއެމް އިން ހުއްދަ ދީފައިވާ ބޭންކެއްގައި، އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަކަށެވެ.
މި އިސްލާހަށް މިމަހުގެ 25 އިން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.
މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ވަޒީފާދޭ އެންމެހައި ފަރާތްތަކުން އެ ފަރާތްތަކުގެ ދަށުން މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ނަމުގައި، ވީއެންމެ އަވަހަކަށް ބޭންކް އެކައުންޓް ހުޅުވައި ނިންމެވުމަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެ އިތުރުން، ލޭބާ ރިލޭޝަންސް އޮތޯރިޓީން ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން ބިދޭސީ މުވައްޒަފުންގެ މުސާރައާ ގުޅޭ މައްސަލަތަކުގައި، މުވައްޒަފަށް މުސާރަ ދީފައިވާ ކަމަށް ބެލެވޭނީ، އެމްއެމްއޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަދީފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެ މުވައްޒަފުގެ އަމިއްލަ އެކައުންޓަށް މުސާރަ ޖަމާކޮށްފައިވާ ނަމަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ 1485 ގުޅައިގެން ނުވަތަ އީމެއިލް ކޮށްގެން އެ މައުލޫމާތު ހޯދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;