މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން އެޑިޔުކޭޝަން މިނިސްޓްރީން ހޯއްދެވި ތަފާސްހިސާބުތަކާ ހަވާލާދެއްވައި ޑރ. ހަސަން އެކްސްގައި ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ބިޒްނަސް ކިޔަވާ ދަރިވަރުންގެ އަދަދު 20 އިންސައްތައަށްވުރެ އިތުރުވުމަކީ ހާސްވާންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތާއި ސިންގަޕޫރު ފަދަ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އެ ނިސްބަތް ހުންނަނީ ޖުމްލަ ދަރިވަރުންގެ ފަސްބައިކުޅަ އެއްބަޔަށް ވުރެ ދަށުގައިކަން އޭނާ ފާހަގަކުރެއްވި އެވެ.
ހަސަން ވިދާޅުވީ ރާއްޖޭގެ މާހައުލުގައި އެކައުންޓިން ފަދަ ވަޒީފާތައް ނިސްބަތުން މަދު ކަމަށެވެ.
ސައިންސްގެ މާއްދާތައް މެދުވެރިކޮށް މައްސަލަތައް ހައްލުކުރުމަށާއި ކްރިޓިކަލް ތިންކިން އަދި "އެކްސްޕެރިމެންޓޭޝަން" ފަދަ ތަހުގީގުތައް ކުރުމަށް، ވަރަށް ކުޑައިރުން ފެށިގެން ދަރިވަރުންގެ ސިކުނޑި ބޭނުންކުރަންޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ.
އެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ބިޒްނަސް ސްޓްރީމްގެ ތިިން މާއްދާ (ބިޒްނަސް، އެކައުންޓް، އިކޮނަމިކްސް) އިން ޖުމްލަ 7،017 ދަރިވަރުން ވަނީ އިމްތިހާނުގައި ބައިވެރިވެފަ އެވެ. އެއީ ނިމުނު އަހަރުގެ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 49 އިންސައްތަ އެވެ. އަދި ސައިންސް ތިން މާއްދާ (ބަޔޯލަޖީ، ކެމިސްޓްރީ، ފިޒިކްސް) އިން އިމްތިހާނުގައި ބައިވެރިވެފައިވަނީ ޖުމްލަ 8،957 ދަރިވަރުންނެވެ. އެއީ ޖުމަލް ދަރިވަރުންގެ 50 އިންސައްތައެވެ.
ހަމައެއާއެކު އާޓް ސްޓްރީމްގެ ދެ މާއްދާގެ ތެރެއިން ހިސްޓްރީ މާއްދާއިން 53 ދަރިވަރަކު އިމްތިހާނުގައި ބައިވެރިވެފައިވާއިރު ޖިއޯގްރަފީ މާއްދާއިން އިމްތިހާނުގައި ބައިވެރިވެފައިވަނީ 58 ދަރިވަރުންނެވެ. އެއީ ޖުމްލަ ދަރިވަރުންގެ އެއް އިންސައްތަ އެވެ.
ތަޢުލީމީ ދާއިރާގެ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި، ގައުމުގެ އިގުތިޞާދަށާއި ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށްޓަކައި ސްޓްރީމްތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ހާއްސަކޮށް، އިންސާނީ އިލްމުތަކާއި ސައިންސްގެ ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކުރުވުމަކީ، ވަކި ދާއިރާއަކަށް ބަރޯސާނުވެ، ހުރިހާ ދާއިރާއަކުންވެސް ގާބިލު ޖީލެއް ބިނާކުރުމަށް މިވަގުތު އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅު ކަމުގައި ފާހަގަކުރެވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;