އިލްމުވެރިންގެ ގުޅުމުން ބުނީ މި ރިޕޯޓަށް ވަނީ ރިސާޗް ކޮމިޓީއަށާއި، ޝޫރާ މަޖިލީހަށާއި، 160 އަށްވުރެ ގިނަ މެންބަރުންގެ ހިޔާލަށް ހުށަހަޅާފަކަމަށެވެ.
އެ ގުޅުމުން މިހެން ބުނެފައިވަނީ، ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެގްރީމަންޓާ ގުޅޭގޮތުން އެ ޖަމްއިއްޔާގެ އިލްމީ ދިރާސާތަކާއި ބަހުސްތަކާ ބެހޭ ކޮމިޓީން އެކުލަވައިލި 98 ސަފްހާގެ ދިރާސާ ރިޕޯޓަކަށް ފަހު ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނީ މީ ފުށިދިއްގަރު ފަޅުގައި ހިއްކާފައިވާ ރަސްމާލޭގެ ގާތްގަނޑަކަށް 500 ހެކްޓަރުގައި، "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި މަޝްރޫއެއް ތަރައްޤީކުރުމުގެ އެއްބަސްވުމެއްކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައި އިޢުލާނުކުރެވުނު އެންމެ ބޮޑު ބިދޭސީ އިންވެސްޓްމަންޓްކަމަށެވެ. އަދި ވެރިރަށާ ކައިރީގައި ބިދޭސީންގެ ބޮޑު ދާއިމީ އާބާދީއެއް ބިނާކުރުމަށް ހުށަހެޅުނު ފުރަތަމަ މަޝްރޫއުވެސް ކަމަށެވެ. މި ނިންމުމުގެ އަސަރު، ރާއްޖޭގެ މާތްވެގެންވާ އިސްލާމްދީނަށާއި، ބިމަށާއި، ސިޔާދަތަށާއި، އަންނަން އޮތް ޖީލުތަކަށް ފޯރާނެކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެ އެވެ.
މަޝްރޫޢު ހުއްޓާލަން ޖެހޭކަމަށް ބުނާ މައިގަނޑު ސަބަބުތައް
ކޮންމެ ވިއްކުމަކާއި ވާރުތަވުމަކާއެކު ލީސްގެ މުއްދަތު އަލުން 99 އަހަރަށް ފެށޭގޮތަށް އޮތުމުން، ބިން ދުވަހަކުވެސް ދައުލަތަށް އަނބުރާ ނުލިބުމުގެ ފުރުސަތު އޮތުން.
ޕްރޮޕަޓީ ގަތުމާއި ރެޒިޑެންޓް ވިސާ ގުޅުވައިގެން ބިދޭސީންނަށް މާކެޓުކުރުމުގެ ފުރުޞަތު އޮތުމާއެކު، ރާއްޖޭގައި ޣައިރު މުސްލިމުންގެ ދާއިމީ އާބާދީއެއް އުފެދުމުގެ ބިރު އޮތުން.
ރިސޯޓުތަކުގައި ހިނގާ އުޞޫލުތައް ވެރިރަށާ ކައިރީގައި އޮތް ދާއިމީ ރަށްވެހި ސަރަޙައްދަކަށް ގެނައުމުގެ ދޮރު ހުޅުވިފައި އޮތުން.
ދައުލަތުގެ އަގުބޮޑު ބިމެއް ދޫކޮށްލާއިރު ބިމުގެ އަގެއް، ކުއްޔެއް ނުވަތަ އެކަށީގެންވާ ޙިއްސާއެއް ދައުލަތަށް ލިބޭ ގޮތަށް ހަމަޖެހިފައި ނެތުން.
އެއްބަސްވުމުގެ ތަފްސީލުތައް ހާމަނުކޮށް އަދި ވާދަވެރި ބީލަމަކަށް ހުޅުވާލުމެއް ނެތި މިކަން ކުރުން.
އިލްމުވެރިންގެ ގުޅުމުން ބުނީ މި ރިޕޯޓަށް ވަނީ ރިސާޗް ކޮމިޓީއަށާއި، ޝޫރާ މަޖިލީހަށާއި، 160 އަށްވުރެ ގިނަ މެންބަރުންގެ ހިޔާލަށް ހުށަހަޅާފަކަމަށެވެ.