އެނގިފައިވާ ގޮތުގައި މިތަން ހުސްކުރަނީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން އެ ބަނދަރުގެ އެކި ބޭނުންތަކަށް އެ ސަރަހައްދު ބޭނުންކުރަންޖެހޭނެތީ އެވެ. ތިލަފުއްޓަށް ބަނދަރު ބަދަލުކޮށް އަދި ތިލަމާލެ ބްރިޖް ބޭނުންކުރަން ފަށާއިރު އެ ސަރަހައްދުގައި ބައެއް ވަސީލަތްތައް ގާއިމުކުރާނެ ކަމަށް ވަނީ އެނގިފަ އެވެ.
އެސްޓީއޯއިން ޔުނިޓުތައް ހިންގާ ފަރާތްތަކަށް ފޮނުވި ލިޔުމުގައިވާ ގޮތުގައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ނޯޓިސް ލިބޭތާ 90 ދުވަހުގެ ތެރޭގައި ޔުނިޓުތައް ހުސްކޮށް އެ ކުންފުންޏާ ހަވާލުކުރަން ޖެހެ އެވެ.
މީގެ އިތުރުން، އެއްބަސްވުމުގެ މުއްދަތުގައި ދައްކަންޖެހޭ ކުއްޔާއި މެއިންޓަނަންސް ފީގެ ތެރެއިން އެއްވެސް ފައިސާއެއް ދައްކަންޖެހިފައިވާނަމަ، އެ ފައިސާގެ ތަފްސީލާއި ފައިސާ ދައްކާނެ ގޮތުގެ ތާވަލު ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން ފޮނުވާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
މާލޭގެ ހުޅަނގުދެކުނު ހާބަރު ސަރަހައްދަކީ ގިނަ އަދަދެއްގެ ކެފޭ، ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އެއްފުރާޅެއްގެ ދަށުން ލިބޭގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުގައި ދިވެހި އަދި ބޭރުގެ ތަފާތު ކާނާތަކުގެ އިތުރުން ފާސްޓްފޫޑާއި އެކި ބާވަތުގެ ބުއިންތައް ލިބެން ހުރެ އެވެ.
ހާބަރު ސަރަހައްދުގައި ހިންގަމުން އަންނަ މި ފުޑްކޯޓުތަކަކީ އެސްޓީއޯއިން ގާތްގަނޑަކަށް 32 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ތަނެކެވެ. މި ތަންތަނުން އާންމުންނަށް ހިދުމަތް ދޭން ފަށާފައި ވަނީ 2018 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. އަދި ރަސްމީކޮށް މި ފުޑްކޯޓުތައް ހުޅުވާފައި ވަނީ އެ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު އެވެ.