ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓް އަރުވާފައި ވަނީ މިރޭ ބޭއްވި ޕީއެންސީގެ ކޮންގެރެސް ނިންމުމުގެ ހަފްލާގައެވެ. ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓް އެރުވީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ރަައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭން ކޮންގެރެސްގެ އިއްތިފާގުން އިން ފާަސްކުރީ އިއްޔެ އެވެ. މުއިއްޒަށް ދެވަނަ ދައުރެއް ދޭން އެމަނިކުފާނަށް ހުށައެޅުމަށް ކޮންގެރެސް އަށް ގަރާރެއް ހުށައެޅީ އަމިއްލަ މެމްބަރެކެވެ.
މި ގަރާރުގައި ވަނީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދިިނުމަކީ ގައުމީ ވާޖިބެއްކަމަށްވާތީ އެކަން ޕީއެންސީގެ މަތީ މަޖިލީހުން އެމަނިކުފާނަށް ރަސްމީކޮށް ހުށައެޅުމަށެވެ.
ކޮންގުރެސްގެ މިއަދުގެ ހެނދުނުގެ ދަންފަޅީގައި މި ގަރާރަށް ބަހުސްކުރަން ހުޅުވާލުމުން ގިނަ އަދަދެއްގެ މެެމްބަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ. އޭގެތެރޭގައި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ޕީއެންސީގެ އާއްމު މެމްބަރުން ހިމެނެ އެވެ. ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ ރާއްޖެއަށް މި ސަރުކާރުން ގެންނަ ތަރައްގީގެ ބަނީ އަކީ ރައީސް މުއިއްޒުކަން ފާހަގަކުރައްވާ އެމަނިކުފާނަށް ތައުރީފުގެ ބަސްތައް އޮއްސާލާފަ އެވެ.
މި ގަރާރަށް ފާސްކޮށްފައިވަނީ ކޮންގެރެސްގައި މިއަދު ހެނދުނު ދަންފަޅީގައި ބައިވެރި 1119 މެމްބަރުންގެ އިއްތިފާގުން ނެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވި އެ ޕާޓީގެ މެންބަރަކު، ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ޕާޓީގެ މެންބަރުންގެ މަޖިލީހަށް ނުވަތަ ކޮންގްރެސް އަށް ހުށަހަޅައިފި ނަމަ، އެ ބޭފުޅަކަށް ރިޔާސީ ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް ލިބުނީ ކަމަށެވެ.