ޕީއެންސީގެ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އިގްތިސާދު އޮތީ ބޮޑު އަނދަވަޅަކަށް ވައްޓާލާފައި ކަމަށާއި މި ސަރުކާރުން ފަށަން ޖެހުނީ ސުމަކުން ކަމަށެވެ.
މި ހާލަތުން ގައުމު ނަގާ ކޮޅަށް ޖެހުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން އިއްޔެއާ ހަމައަށް މިދިޔަ އެތައް ސަރުކާރަކުން ނަގާފައިވާ ދަރަނީގެ ތެރެއިން 1.3 ބިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެމްޑީޕީން ގައުމުގެ މާލީ ނިޒާމު ދަށު ދަރަޖައަކަށް ވައްޓާލާފައިވުމުން، އެ ޕާޓީން ދަރަނީގެ ހާލަތަށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ޕާޓީގެ ވެރިކަން ނިމިގެންދިޔައީ ދައުލަތުގެ ހަޒާނާ ހުސްކޮށްލުމަށްފަހު، ގައުމު ބޮޑު އިގްތިސާދީ ނުރައްކަލެއްގެ ތެރެއަށް ދޫކޮށްލާފައި ކަމަށް ރައީސް ތުހުމަތުކުރެއްވި އެވެ.
މިއަދު އިދިކޮޅު ފަރާތްތަކުން ދައްކަނީ ޒިންމާދާރުކަމެއް ނެތް ވާހަކަތަކެއް ކަމަށާއި، ނަގާފައިވާ ދަރަނިތަކަށް ޒިންމާވާން އެ ޕާޓީން ބޭނުން ނުވާކަމަށް ރައީސް ވިދާޅުވި އެވެ. މި ހުރިހާ ގޮންޖެހުންތަކަކާއެކުވެސް، މި ސަރުކާރުން ރައްޔިތުންނަށް ދަތިނުވާނެހެން ދަރަނިތައް މެނޭޖްކޮށް، ގައުމުގެ މާލީ މިނިވަންކަން ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.