މިދިޔަ ސަރުކާރުން 2019 ވަނަ އަހަރު އިންޑިއާ އަތުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން އެންމެފަހުން ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނު ދައްކާ ހަލާސްކުރީ އިއްޔެ އެވެ.
އިންޑިއާގެ ލޯނު ދެއްކީ ބޭންކު އޮފް މޯލްޑިވްސްގައި ހުރި އާއްމުންގެ ފައިސާއިން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދުދީ ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ 50 މިލިއަން ޑޮލަރުގެ ޓީބިލް އިއްޔެ އަނބުރާ ދެއްކީ ބީއެމްއެލްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާއިން ކަމަށް ބުނެ ދައްކަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން މިރޭ މީޑިއާތަކަށް ބުނި ގޮތުގައި، އެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބީއެމްއެލްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫނެވެ.
މި ދަރަނި ދެއްކީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. މި ސަރުކާރުން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު އަދި މެއި މަހުގެ 11 ވަނަ ދުވަހު އިތުރު 50 މިލިއަން ޑޮލަރު ވަނީ ދައްކައިފަ އެވެ. އެންމެ ފަހު 50 މިލިއަން ޑޮލަރު އިއްޔެ ދެއްކުމާ އެކު މި ފެސިލިޓީ ވަނީ އެއްކޮށް ހަލާސްވެފަ އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި ރާއްޖޭގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު ހުރި އިރު 50 މިލިއަން ޑޮލަރުގެ "ދަރަނި ދެއްކުމުގެ ސަބަބުން، ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް" ވާހަކަތަކެކެވެ.
ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ދީފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އޮގަސްޓުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގަ އެވެ. އެހެންކަމުން، ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.