ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ އަދި ވަތަނީ ހިދުމަތާއި ބެހޭ ވަޒީރު ހަސަން ރަޝީދުއެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިން ނިންމި ދަރިވަރުންނަށް އަޒުމް ލައިދިނުމުގެ އިތުރުން ޝަރަފުގެ ހިނގާލުން ވަނީ ބާއްވާފައެވެ.
މިދިޔަ މެއިމަހުގެ 17ވަނަ ދުވަހުން ފެށިގެން 15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި، ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ކެޑޭޓުން ބައިވެރިވި އެވެ. އެހެންނަމަވެސް ތަމްރީނުތައް ފުރިހަމަކޮށް ދަސްވެނިވެފައިވަނީ މިީގެ ތެރެއިން 341 ދަރިވަރުންނެވެ. އެއީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނެވެ.
ނޭޝަނަލް ސާވިސްގެ 3 ވަނަ ބެޗުގައި އިތުރު 341 ދަރިވަރުން ވަނީ ދަސްވެނިވެފައި - ފޮޓޯ: އެމްއެންޑީއެފް
ވަތަނީ ހިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ގައުމީ ރޫހާއި އިސްލާމީ އަހްލާގު ދިރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ.
މިއަދު މި ނިމުނު ބެޗުގެ ދަސްވެނިންނާއެކު މިހާތަނަށް ޖުމުލަ 1028 ޒުވާނުން ވަނީ ވަތަނީ ހިދުމަތުގެ ޓްރެއިނިން ފުރިހަމަކޮށްފައެވެ. އަދި ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ފުރަތަމަ ބެޗުން 63 ޒުވާނުން ދަސްވެނިވެފައިވާއިރު، މިހާރު ހިނގަމުންދާ ފަންނީ ތަމްރީނުގެ ދެވަނަ ބެޗުގައި 73 ދަރިވަރުން އަންނަނީ ތަމްރީނު ވަމުންނެވެ.