އެމަނިކުފާނު މި ބަދަލު ގެންނެވީ މިއަދު ނެރުއްވި ހާއްސަ ގަރާރަކުންނެވެ.
އެ ގޮތުން ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގެ ނަންބަރު 1 ގައި ހިމެނޭ، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކުރުން 1 ޖޫން 2021 އިން 1 ޖޫން 2031 އަށް ބަދަލުކުރުމާއި މި ތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން 19 ޑިސެމްބަރު 2022 އިން 19 ޑިސެމްބަރު 2031 އަށް ފަސްކުރެއްވުމަށް ވަނީ ކަނޑައަޅުއްވައިފަ އެވެ.
މީގެ އިތުރުން ލިސްޓުގެ ނަންބަރު 13 ގައި ހިމެނޭ 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، 500މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުން މަނާކުރާ ތާރީހު 1 ޑިސެމްބަރު 2029 އަށް ފަސްކޮށް އަދި ބާޒާރަށް ނެރުން މަނާކުރާ ތާރީހު 1 ޖޫން 2030 އަށް ފަސްކުރެއްވުމަށް ވެސް ވަނީ ކަނޑައަޅުއްވައިފަ އެވެ.
މީގެ އިތުރުން، ލިސްޓުގެ ނަންބަރު 14 ގައި ކުރިން ބަޔާންކޮށްފައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކޮށް، 250 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ފެން ފިޔަވައި ތައްޔާރީ ބުއިންތައް މިއަދުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ކަނޑައަޅުއްވައި، އެ ލިސްޓުވަނީ އިސްލާހުކުރައްވާފަ އެވެ.
މި އިސްލާހުތައް ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ގާނޫނުގައި ހިމަނުއްވައި، މިހާރު ވަނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފަ އެވެ.