ads
ބީއެމްއެލް: މާލީ ނިޒާމާ ގުޅޭ ވާހަކަތައް ދައްކަން އެ ބޭންކުން ތާއީދުކުރޭ. އެކަމަކު ކަށަވަރު ނުވާ ވާހަކަތައް ނުފަތުރަން އެދޭ.---ފައިލް ފޮޓޯ: ބީއެމްއެލް
ލޯނު ދެއްކުމާއި ބީއެމްއެލްއާ ގުޅުމެެއް ނެތް، ބީއެމްއެލް އޮތީ މާލީގޮތުން ވަރުގަދަކޮށް
2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު ސަރުކާރުން އަނބުރާ ދެއްކުމާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެ ބޭންކުން ވެސް މިއަދު ބުނެފި އެވެ.
Advertisement

ބީއެމްއެލް އިން ބުނީ ސަރުކާރުން މި ދަރަނި އަދާކުރުމަށް އެ ބޭންކުން ފައިސާ ނުވަތަ ޑޮލަރުގެ ލިކުއިޑިޓީ ފޯރުކޮށްދީފައިވާ ކަމަށާއި، އޭގެ ސަބަބުން ބޭންކުގެ މާލީ ހާލަތަށް އަސަރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި ސަރުކާރުން ދަރަނި އަދާކުރުމާއި ބީއެމްއެލްގެ މާލީ ހާލަތާ ނުވަތަ ބޭންކިން އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ބޭންކުން ވަނީ ސާފުކޮށްދީފަ އެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން ވެސް ކަށަވަރުކޮށްދީފައިވާ ގޮތުގައި، 17 ސެޕްޓެމްބަރު 2024 ގައި އެސްބީއައި އަށް ދެއްކި ފަހު 50 މިލިއަން ޑޮލަރަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ހަމަޖެއްސި ފައިސާ އެވެ. މިއީ 2019 ވަނަ އަހަރު ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ފެސިލިޓީ އެއްކޮށް ހަލާސްކުރުމަށް ދެއްކި ފައިސާ އެވެ. މި ފައިސާ ދެއްކުމަށް ކަސްޓަމަރުންގެ ޑިޕޮސިޓްތަކެއް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި އެ ބޭންކަކީ މާލީގޮތުން ވަރުގަދަ، ކަނޑައެޅިފައިވާ ރިސްކް އެޕެޓައިޓްތަކާއި، ރެގިއުލޭޓަރީ މިންގަނޑުތަކާއި، ހަރުދަނާ ގަވަނަންސް އަދި ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހިންގަމުންދާ ބޭންކެކެވެ. ބޭންކުގެ ލިކުއިޑިޓީ، ކެޕިޓަލް އަދި މާލީ ހާލަތު މެނޭޖްމަންޓާއި ބޯޑުން މެދުނުކެނޑި މޮނިޓަރު ކުރަމުންދާއިރު، ސަރުކާރުގެ މުއާމަލާތުގެ ސަބަބުން ކަސްޓަމަރުންނަށް އަދާކުރަންޖެހޭ ޒިންމާތަކަށް އެއްވެސް ހުރަހެއް ނެތް ކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފަ އެވެ.

"ބީއެމްއެލްއިން އަބަދު ވެސް މަސައްކަތް ކުރާނީ ހާމަކަން ބޮޑު ގޮތެއްގައި ސައްހަ މައުލޫމާތު ކަސްޓަމަރުންނާއި އާންމުންނަށް ފޯރުކޮށްދިނުމަށެވެ. ބީއެމްއެލްއަކީ މާލީ ގޮތުން ވަރުގަދަ، ހަރުދަނާ ގޮތެއްގައި ހިންގަމުންދާ އަދި ދިވެހި އިގްތިސާދާއި ކަސްޓަމަރުންގެ މަސްލަހަތު ހިމާޔަތްކުރުމުގައި ދެމިއޮންނާނެ ބޭންކެކެވެ." ބީއެމްއެލްއިން ބުންޏެވެ.

ހަގީގަތާ ހިލާފު މައުލޫމާތު ތަކުރާރުކޮށް ފެތުރުމުގެ ސަބަބުން ކަސްޓަމަރުންނާއި ވިޔަފާރިވެރިން އަދި އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ބޭންކާއި މުޅި ބޭންކިންގް ދާއިރާ އަދި ރާއްޖޭގެ އިގްތިސާދަށް އޮންނަ އިތުބާރު ގެއްލޭ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ރޭ ބުނީ،  50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން އެމެރިކާ ޑޮލަރު ދައްކައި ނިންމުމާ އެކު، މި 150 މިލިއަން ޑޮލަރުގެ ދަރަނި ވަނީ އިންޑިއާއަށް އެއްކޮށް ދައްކައި ނިމިފައި ކަމަށެވެ.

މި ދަރަނި ދެއްކީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. މި ސަރުކާރުން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު އަދި މެއި މަހުގެ 11 ވަނަ ދުވަހު އިތުރު 50 މިލިއަން ޑޮލަރު ވަނީ ދައްކައިފަ އެވެ. އެންމެ ފަހު 50 މިލިއަން ޑޮލަރު މިދިޔަ ބުރާސްފަތި ދުވަހު ދެއްކުމާ އެކު މި ފެސިލިޓީ ވަނީ އެއްކޮށް ހަލާސްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް