ބޭރުގު ހެދުމުގެ މަޝްރޫއުގެ ދަށުން އެމްޕީއެލުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާއި ހަމައަށް މަގުފުޅާކޮށް ތާރު އަޅާ ނިންމާ ވަނީ އާއްމުކޮށް ހުޅުވާލާފަ އެވެ. ދެން ހަދަން އޮތީ އެމްޕީއެލް ސަރަހައްދުން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް އޮތް ސަރަހައްދެވެ.
އެމަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ ބޭރުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ތައްޔާރުވުމުގެ ގޮތުން މިރޭ ދަންވަރު 12:00 އިން ފެށިގެން ވެސްޓް ޕާކު ސަރަހައްދު މަގުގެ އެއްފަޅި ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މަގު އެއްފަޅި ބަންދުކުރި ނަމަވެސް އަނެއް ފަޅިން އާއްމު ދަތުރުފަތުރު ކުރެވޭނެކަމަށް އެމްޓީސީސީން ބުނެ އެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެ މަގުގެ މިހާރު ނަހާދާ އޮތް ބައި އަންނަ ނޮވެމްބަރަށް ހަދާ ނިންމާލެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ، ބޭރު މަގު ހަދާ ނިމޭއިރުގެ ޑިޒައިންތައް ފެންނަ ކުރެހުންތަކާއި އެނިމޭޓެޑް ވީޑިއޯއެއް ހިއްސާ ކުރައްވާފައެވެ. ރައީސް ހިއްސާ ކުރެއްވި ކުރެހުންތަކުން ފެންނަ ގޮތުގައި، ރަށްރަށުން މާލެ އަންނަ ލޯންޗުތަކަށް އެމެއެމްއޭ ކުރިމަތީ ވަކި ފާލަންތަކެއް ހުންނަނީ ހަދާފައެވެ.