ޒަރީރު މިހެން ވިދާޅުވީ ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްގީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު ގާއިމްކުރި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޒަރީރު ވިދާޅުވި ގޮތުގައި އިއްޔެ ސޮއިކުރެވުނު އެއްބަސްވުމާއެކު ރަސްމާލެއަށް ތަރައްޤީގެ ބޮޑު މަޝްރޫޢެއް އައުމުގެ އިތުރުން ހުޅުމާލޭގައި އިތުރު އެތައް ހާސް ހައުސިން ޔުނިޓްތަކެއް ޤާއިމު ކުރެވިގެންދާނެ އެވެ.
އެގޮތުން 5,000 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާއިރު އެ މަސައްކަތް ފެށުމަށް ގިނަ މަސްތަކެއް ނުނަގާނެ ކަމަށް ވިދާޅުވި އެވެ. ވަޒީރު ވިދާޅުވި ގޮތުުގައި މިހާރު ޕްލޭން ކުރެވިފައިވާ ގޮތުން އީގަލް ހިލްސް އިން އެ މަޝްރޫޢު އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ އެވެ.
މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއު އެކެވެ. މި މަޝްރޫއުގެ ދަށުން އެކި ފެންވަރުގެ ހައުސިން ޔުނިޓްތައް ޤާއިމު ކުރެވިގެންދާނެ އެެވެ. މިއީ ރާއްޖޭގެ އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަށް ވާނެ ކަމަށް ޒަރީރު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ކުންފުނީގެ އަމިއްލަ ހަރަދުގައި އަޅާ ތަންތަން ކަމަށާއި، އެކަމަށް ދައުލަތުން ސޮވަރިން ގެރެންޓީއެއް ދޭން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. ސަރުކާރުން އެ ތަންތަނަށް ފައިސާ ދައްކާނީ ހައުސިން ޔުނިޓްތައް ނިމި، އެ ތަންތަން ވިއްކައިގެން ލިބޭ ފައިސާއިންނެވެ.
އީގަލް ހިލްސްއަކީ 18 އަށް ވުރެ ގިނަ ގައުމުގައި އިވެސްޓްކޮށްފައިވާ އަދި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ.
އެ ކުންފުނިން ޔޫއޭއީ އާއި ބައިނަލްއަގުވާމީ މާކެޓްތަކުގައި ތަފާތު އެކި މިކްސްޑް-ޔޫސް އަދި ލައިފްސްޓައިލް މަންޒިލްތައް ތަރައްގީ ކުރަނީ އެންމެ މަތީ ފެންވަރަށް އިސްކަންދީގެންނެވެ.