ads
ކޮންގްރެސް ބާއްވާނީ އާންމުންނަށް ހުޅުވާލައިގެން: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ކޮންގްރެސް ބާއްވަން ނިންމާފައިވަނީ އާންމުންނަށް ހުޅުވާލައިގެން ކަމަށް އެ ޕާޓީން ބުނެފި އެވެ.
Advertisement

އެމްޑީޕީގެ އޮފީހުގައި ބޭއްވި މީޑިއާބްރީފިންއެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު މުހައްމަދު ޝިފާޒް ވިދާޅުވީ، ކޮންގްރެސްގައި ބައިވެރިވާން މިހާތަނަށް 986 މަންދޫބަކު ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ.

ޝިފާޒު ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސްއަށް ސްކޫލުތައް ނުދެވޭނެ ސަބަބަކަށް ސަރުކާރުން އަންގާފައިވަނީ، އެތަންތަނަކީ ސިޔާސީ މަސައްކަތްކުރަން ދޫކުރާ ތަންތަން ކަމަށް ނުވާތީ ކަމަށެވެ.

އެކަމަކު ނިމިދިޔަ ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ކޮންގްރެސް ބޭއްވީ ސޯޝަލް ސެންޓަރާއި މުޅި އެ ސަރަަހައްދު ބަންދުކޮށްގެންކަން ފާހަގަކުރެއްވި އެވެ. އޭގެތެރޭގައި އެސަރަހައްދުގެ ތިން ސްކޫލެއް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ. އެ ސްކޫލުތަކުގައި ޕީއެންސީގެ ކޮންގްރެސް ބާއްވަމުންދިޔައިރު ޓެންޓު ޖަހައި ކެއުމުގެ އިންތިޒާމުތައް ހަމަޖައްސާފައި އޮތްކަން ވެސް އޭނާ ފާހަގަކުރެެއްވި އެވެ.

"މާލެ ސަރަހައްދުން އެއްވެސް ތަނެއް އަޅުގަނޑުމެންނަކަށް ނުލިބުން. އަޅުގަނޑުމެން އެދުނިން ސެންޓްރަލް ޕާކު ނަމަވެސް އަޅުގަނޑުމެންނަށް ދޭން. ޓެންޓު ޖަހައިގެން މިކަންކުރަން ސެންޓަރަލް ޕާކު ވެސް އެއީ ވަރަށް ބޮޑު ޖާގައެއް. އެ ވަރު ވެސް ސަރުކާރުން އަޅުގަނޑުމެންނަށް ފަހިކޮށެއްނުދިން. ސްކޫލުތަަކަކީ ސިޔާސީ ބޭނުމަށް ދޫކުރާ ތަންތަން ނޫންކަމަށް އެ ބޭފުޅުން ވިދާޅުވަނީ،" ޝިފާޒު ވިދާޅުވި އެވެ.

ދެވަނަ އަށް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީގެ ކޮންގްރެސް ބާއްވަނީ އުނދަގުލުން ކަމަށް ވިޔަސް އެއީ ޕާޓީގެ މެންބަރުން ފަހުރުވެރިވާ ފަދަ ކޮންގްރެސްެއަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ބުނީ ކޮންގްރެސްއަށް ހާއްސަ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ އިތުރުން، މަންދޫބެއްގެ ގޮތުގައި ހިމެނޭތޯ ޗެކްކުރުމާއި، ކޮންގްރެސްއާ ގުޅޭ މައުލޫމާތުތައް ވެސް ލިބެން ހުންނާނެ ކަމަށެވެ. އަދި މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ކޮންގްރެސްގެ ކިޓު ހަވާލުކުރުން އޮންނާނީ މި މަހުގެ 29 އާއި 30 ގަ އެވެ.

ކޮންގްރެސް ބާއްވަން ހަމަޖެހިފައި އޮތީ އަންނަ މަހުގެ 1-3 އަށް މާލެ ސިޓީ ކައުންސިލްގެ ހޯލުގަ އެވެ.

ކޮންގްރެސްގެ ހަރަކާތްތައް ރާވާފައިވާ ގޮތް:

* އޮކްޓޯބަރު 1 (ރޭގަނޑު): ކޮންގްރެސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު
* އޮކްޓޯބަރު 2 (މެންދުރުފަސް): ހާއްސަ އިންވެސްޓްމެންޓް ފޯރަމް
* އޮކްޓޯބަރު 3 (މެންދުރުފަސް): ރަސްމީ ކޮންގްރެސްގެ ޖަލްސާތައް ފެށުން
* އޮކްޓޯބަރު 3 (ރޭގަނޑު): ޕާޓީގެ އަސާސީ ގަވައިދަށް ހުށަހަޅާ އިސްލާހުތައް ފާސްކުރުން.

މި އަހަރުގެ ކޮންގްރެސްގެ ޝިއާރަކީ "ރަށްވެހި އުފެއްދުން" އެވެ.

މި ޝިއާރުގެ ދަށުން، އެ ޕާޓީގެ މެޖޯރިޓީ އޮންނަ ރަށު ކައުންސިލްތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ދެނެގަނެ، އެ މަޝްރޫއުތަކަށް ބޭނުންވާ އިންވެސްޓަރުން ހޯދައި، ޕާޓީގެ އެހީތެރިކަމާއެކު އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ފަހިކޮށް ދޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް