ads
ކޮވިޑް19--
ކޮވިޑް-19: މަރުވި މީހުންގެ އަދަދު ތިން ލައްކަ އަށް ވުރެ މައްޗަށް!
ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު ތިން ލައްކަ އަށް ވުރެ މައްޗަށް އަރައިފި އެވެ.

ޖޯންސް ހޮޕޮކިންސް ޔުނިވާސިޓީ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވައިރަހުގެ ސަބަބުން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު ވަނީ 307,696 (ތިން ލައްކަ ހަތް ހާސް ހަ ސަތޭކަ ނުވަދިހަ ހައެއް) އަށް އަރާފަ އެވެ.

މިދިޔަ އަހަރު ޗައިނާ އިން ފެނިގެން ދިޔަ ނޮވެލް ކޮރޯނާ ވައިރަހަށް އަދި ވެކްސިނެއް ހޯދިފައި ނުވާއިރު، މި ވައިރަސް މިހާރު ވަނީ ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމަކަށް ފޯރާފަ އެވެ. 

އެގޮތުން، ވައިރަހުގެ ސަބަބުން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާ އިން ނެވެ. އެމެރިކާ ގައި މަރުވި މީހުންގެ އަދަދު 87,559 އަށް އަރާފައިވާ އިރު، އެ ގައުމުގެ މާހިރުން ލަފާ ކުރާ ގޮތުގައި ވައިރަހުގެ ސަބަބުން އެމެރިކާގައި އެކަނި އެއް ލައްކައަށް ވުރެ ގިނަ މީހުން މަރުވުން އެކަށީގެންވެ އެވެ. 

އޭގެ އިތުރުން، ކޮވިޑް-19 ވައިރަހަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައި ވަނީ ވެސް އެމެރިކާ އިން ނެވެ. އެ ގައުމުގައި 1.4 މިލިއަން މީހުން ވައިރަހަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވެކްސިނެއް ހޯދުނު ކަމުގައިވިޔަސް ނުވަތަ ވެކްސިނެއް ނުހޯދުނަސް އެ ގައުމުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އުވާލާ އަނެއްކާ ގައުމު ހުޅުވާލަން ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގައި ދެން އެންމެ ގިނަ ބަޔަކު ކޮވިޑް-19 ގެ ސަބަބުން މަރުވެފައި ވަނީ ޔޫރަޕުގެ ގައުމު ތަކުގަ އެވެ. އެގޮތުން، އިނގިރޭސި ވިލާތާއި އިޓަލީގައި ވައިރަހުގެ ސަބަބުން 30،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި ފްރާންސް އާއި އިޓަލީގައި ވައިރަހުގެ ސަބަބުން 27،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ޔޫރަޕުގެ ގައުމު ތަކުގައި ކުރިއާ ބަލައި ވައިރަސް ޖެހޭ މިންވަރު ކޮންޓްރޯލް ކުރެވިފައިވާ އިރު، ޔޫރަޕުގެ ގިނަ ގައުމުތަކުން ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފަ އެވެ. 

ދުނިޔޭގެ ގިނަ ގައުމުތަކުން އަޅާފައިވާ ލޮކްޑައުންގެ އަމުރުތަކަށް ލުއި ދެމުން އަންނައިރު އެގޮތަށް އަމަލު ކުރުން އަދި މާ އަވަސް ކަމަށް ގިނަ މާހިރުންނާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދެކެ އެވެ. އެގޮތުން، އަޅާފައިވާ ފިޔަވަޅުތަކަށް މާ އަވަހަށް ލުއި ދެވިއްޖެ ނަމަ، ކޮވިޑް-19 ގެ ދެވަނަ ރޯޅި އެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް މާހިރުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް