ޕެޒެޝްކިއަންގެ މި ރައްދު އައީ، އީރާނާ އެކު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އެ ގައުމު "ދުނިޔޭގެ ޗާޓުން ފޮހެލާނެ" ނުވަތަ ސުންނާފަތިކޮށްލާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އދ. ގައި އިއްޔެ ދެއްވި އިންޒާރަށް ފަހު އެވެ.
ޕެޒެޝްކިއަން ވިދާޅުވީ ޓްރަމްޕް ވަރަށް ރަނގަޅަށް އިރާން ދަންނަންޖެހޭ ކަމަށާއި ބިރުދެއްކުމުގެ ބަހުރުވަ ދޫކޮށްލައިފިނަމަ ޑިޕްލޮމެސީ އާއި މަޝްވަރާއަށް ދާން އިރާން އޮތީ ތައްޔާރަށް ކަމަށެވެ. އަދި އީރާނަކީ ޓެރަރިޒަމް ފަތުރާ ގައުމެއް ކަމަށް ޓްރަމްޕް ސިފަކުރި ނަމަވެސް ހަގީގަތަކީ އެގައުމަކީ ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައިވާ ގައުމެއް ކަމަށްވެސް ވިދާޅުވި އެވެ.
އީރާނުގެ ރައީސް ވިދާޅުވީ، ބާރުގެ ބިރުދެއްކުމުގެ ރާގުގައި ވާހަކަ ދެއްކުން ހުއްޓާލައިފި ނަމަ، ހަމަހަމަ އުސޫލެއްގެ މަތިން ޑިޕްލޮމެސީ އާއި މަޝްވަރާއަށް ދާން އީރާނުން އަދިވެސް އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް އެމެރިކާއިން ކުރިން ވެފައިވާ އެއްބަސްވުންތަކާ ހިލާފުވެފައިވާތީ، މަޝްވަރާތަކުގެ އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގައި އީރާންގެ އެންމެ އިސް ވެރިޔާ އާއި އިސް އަސްކަރީ އޮފިޝަލުން އަވަހާރަކޮށްލުމާ ގުޅިގެން، އެމެރިކާ އާއި އީރާނާ ދެމެދު ފެށުނު ހަނގުރާމައިގެ ކޮޅެއް މެދެއް އަދިވެސް ނުފެނެ އެވެ.
މެދުއިރުމަތީގައި މި ހަނގުރާމަ ފެތުރިގެންދިޔުމާ އެކު، ހަކަތަ ޓްރާންސިޓްކުރުމަށް އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށް އީރާނުން ވަނީ ރައްދު ދީފަ އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ތެލުގެ އަގު ވަނީ އުފުލިފަ އެވެ.