ހަކުރު ގިނަ ކާނާއާއި، ތެލާއި، ހަވީރުގެ ފޮނި ހެދިކާ އަދި ކަސްރަތު މަދުވުމުގެ ސަބަބުން މި މައްސަލަ އިތުރުވަމުން އަންނައިރު، ހަކުރު ނާޅާ ބޯ އާދައިގެ ކަޅު ކޮފީން މިކަމަށް ބޮޑު ސިއްހީ ހައްލެއް ލިބޭކަން ބައިނަލްއަގުވާމީ މެޑިކަލް ދިރާސާތަކުން މިހާރު ވަނީ ހާމަވެފަ އެވެ.
ދުނިޔޭގެ މަޝްހޫރު ސިއްހީ ޖާނަލްތަކުން ހާމަކޮށްފައިވާ ގޮތުގައި، ދުވާލަކު 2 އިން 3 ތަށި ކަޅު ކޮފީ ބޯ މީހުންގެ ފުރަމޭގައި ސަރުބީ ޖެހުމުގެ ފުރުސަތު ބޮޑުތަނުން ދަށްވެ އެވެ. މީގެ މައިގަނޑު ސަބަބަކީ ކޮފީގައި ހިމެނޭ ކްލޮރޯޖެނިކް އެސިޑާއި އެހެނިހެން އެންޓިއޮކްސިޑެންޓްތަކުގެ ބާރުން، ފުރަމޭގެ ސެލްތަކުގައި ސަރުބީ ގަރުދާވުން ހުއްޓުވައި ދުޅަހެޔޮކަން ގެއްލޭ އިންފްލެމޭޝަން ކުޑަކޮށްދިނުމެވެ.
ހަމައެއާއެކު، ފުރަމޭގެ ޓިޝޫތައް ހަލާކުވެ ހަރުވުމަށް މެދުވެރިވާ "ފައިބްރޯސިސް" ގެ ނުރައްކާ %40 އަށް ލަސްކޮށްދިނުމަށް ކޮފީ އެހީތެރިވެދެ އެވެ. އަދި ލޭގެ ޓެސްޓުތަކުން ފުރަމޭ ހަލާކުވާކަން ދައްކުވައިދޭ ލިވަރ އެންޒައިމްސް ކޮންޓްރޯލް ކުރުމުގައިވެސް ކޮފީ މުހިންމު ދައުރެއް އަދާކުރާ ކަމަށް ސައިންސްވެރިން ބުނެ އެވެ. އެހެންކަމުން ދިގުމުއްދަތުގައި ލިވާ ސިރޯސިސް އަދި ކެންސަރަށް މަގުފަހިވާ މައްސަލަތަކުން ރައްކާތެރިވުމަށް ކޮފީން ބާރުއަޅަ އެވެ.
ނަމަވެސް، މި ސިއްހީ ފައިދާ ލިބެނީ ގެރިކިރާއި، ހަކުރު އަދި ކެރަމަލް ފަދަ ބާވަތްތައް ނާޅައި ތައްޔާރުކުރާ އާދައިގެ ކަޅު ކޮފީންނެވެ. ފޮނިގަދަ ބުއިންތަކުގެ ސަބަބުން ފުރަމޭގައި އިތުރަށް ސަރުބީ ޖެހި ހަކުރުބައްޔަށް މަގުފަހިވާތީ، ޑޮކްޓަރުން އިރުޝާދު ދެނީ ދުވާލަކު 2 ނުވަތަ 3 ތަށި ހަކުރު ނާޅާ ކަޅު ކޮފީ ބުއިމަށެވެ. މާ ގިނައިން ކޮފީ ބުއިމަކީ ނިދުމަށާއި ބަނޑަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމެކެވެ.
ކެއިންބުއިމުގައި ހިމެނޭ ހަކުރާއި ކާބޯހައިޑްރޭޓްސް މަދުކުރުމާއެކު، އާންމުކޮށް ބޯ ފޮނި ބުއިންތަކުގެ ބަދަލުގައި ހަކުރު ނާޅާ ކަޅު ކޮފީ އިހުތިޔާރު ކުރުމަކީ ފުރަމޭގެ ސަރުބީ ވިރުވައި ދުޅަހެޔޮކަން ދެމެހެއްޓުމަށް އެޅޭނެ ވަރަށް ފަސޭހަ ފިޔަވަޅެކެވެ. މިއީ ފުރަމޭގެ ދިގުމުއްދަތުގެ ސިއްހަތު ރައްކާތެރިކުރުމަށް ލިބޭ ވަރުގަދަ ގުދުރަތީ ބާރެކެވެ.
ރިފަރެންސް:
ބްރިޓިޝް މެޑިކަލް ޖާނަލް (ބީއެމްޖޭ ނިއުޓްރިޝަން) – ނޮން-އަލްކަހޮލިކް ފެޓީ ލިވާ ޑިޒީޒް ހުއްޓުވުމުގައި ކާނާގެ ދައުރު.
ޔޫއެސް ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު (އެންއައިއެޗް/ޕީއެމްސީ) – ކޮފީ ބުއިމާއި ފެޓީ ލިވާ ބައްޔާ ދެމެދު އޮތް ގުޅުމުގެ ދިރާސާ.
ނިއުޓްރިއެންޓްސް ޖާނަލް – ފުރަމޭގެ ސަރުބީއާއި ފައިބްރޯސިސް ކުޑަކުރުމަށް ކޮފީން ކުރާ އަސަރު.