ads
މޫދަށް ބަލަހައްޓައިގެން އިން މީހެއް
އެއްވެސް ކަމެއް ނުކޮށްއިދެގެން މޮޅުވާ މުބާރާތެއް
އާންމުކޮށް މުބާރާތްތަކުން ވަނަ ހޯދަން ޖެހެނީ ބުރަ މަސައްކަތް ކޮށްގެން ނުވަތަ ދުވެ ހަރަކާތްތެރިވެގެން ކަމަށް ވިޔަސް، ސައުތު ކޮރެއާގެ ވެރިރަށް ސޯލްގައި ބާއްވާ "ސްޕޭސް-އައުޓް ކޮމްޕެޓިޝަން" އަކީ މުޅިން ތަފާތު މުބާރާތެކެވެ.
Advertisement

މިއީ އެއްވެސް ކަމެއް ނުކޮށް، ހުސްކަމަށް ބަލަހައްޓައިގެން އެންމެ ހަމަޖެހިލައިގެން އިންނަ މީހަކު ހޮވާ މަޖާ މުބާރާތެކެވެ. ދުނިޔޭގެ އެންމެ ބުރަކޮށް އުޅޭ ސިޓީތަކުގެ ތެރޭގައި ހިމެނޭ ސޯލްގެ ހާން ކޯރު ކައިރީގައި ބާއްވާ މި މުބާރާތުގައި ބައިވެރިވާން ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު ކުރިމަތިލަ އެވެ.

އަޑުއަހާލަން ފަސޭހަ ކަމެއްހެން ހީވި ނަމަވެސް، މި މުބާރާތުގައި އޮންނަނީ ވަރަށް ހަރުކަށި ގަވާއިދުތަކެކެވެ. މުބާރާތުގެ ބައިވެރިން 90 މިނެޓު ވަންދެން ވާހަކަ ނުދައްކައި، ފޯނު ނުބަލައި، އަދި ގަޑި ވެސް ނުބަލައި ހުސްތަނަކަށް ބަލަހައްޓައިގެން އިންނަން ޖެހެއެވެ. މީގެ އިތުރުން ނިދިޖެހުމާ، މުބާރާތުގެ އޮފިޝަލުން ހެއްވަން މަސައްކަތް ކުރި ނަމަވެސް ހުނުމަކީ ވަގުތުން ޑިސްކޮލިފައިވާނެ ކަންކަމެވެ.

މި މުބާރާތުން މޮޅުވާ މީހަކު ކަނޑައަޅަނީ ސައިންޓިފިކް މިންގަނޑަކުންނެވެ. އެގޮތުން ކޮންމެ 15 މިނެޓަކުން ބައިވެރިންގެ ހިތުގެ ވިންދު ބަލަމުންދާނެއެވެ. އަދި އެއްވެސް ހާސްކަމެއް ނެތި، ހިތުގެ ވިންދު އެއްވަރެއްގައި އަދި އެންމެ މަޑުން ހިފެހެއްޓޭ މީހަކަށް އެންމެ މަތިން މާކްސް ލިބި، މުބާރާތުގެ އެއްވަނަ ލިބެއެވެ. އެއްވަނައަށް ދާ ފަރާތަކަށް ދެނީ ވިސްނަން އިންނަ މީހެއްގެ ސިފައަށް ހަދާފައިވާ ރަން ޓްރޮފީއެކެވެ.

ޒަމާނުއްސުރެ ހަވީރު ފިންޏަށް ހޮޅުއަށީގައްޔާއި ޖޯލިފަތީގައި އިށީނދެލައިގެން، ކަނޑާ ދިމާލަށް ބަލަހައްޓައިގެން އެތައް އިރަކު ހަމަހިމޭންކަމާއެކު ވަގުތު ހޭދަކުރާ ދިވެހިންނަށް މިއީ ވަރަށް ފަސޭހައިން ބައިވެރިވެވިދާނެ މުބާރާތެކެވެ. ދިވެހިންގެ ތެރޭގައި އޮންނަ މި އާދައަކީ މިއަދު ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ސްޓްރެސް ފިލުވަން މުބާރާތް ހަދައިގެން އެތައް ބަޔަކު ދަސްކުރަން އުޅޭ އަގުހުރި އުކުޅެކެވެ.

މި މުބާރާތް އުފެއްދި ފަރާތްތަކުން ބުނާ ގޮތުގައި، ޒަމާނީ ދުނިޔޭގައި އަބަދު ފޯނު ސްކްރޯލްކުރުމާއި ދުވުމުގެ ތެރޭގައި އުޅޭ މީހުންނަށް، އެއްވެސް ކަމެއް ނުކޮށް ސިކުނޑިއަށް އަރާމު ދިނުމަކީ ގެއްލުމެއް ނޫން ކަމާއި، އެއީ ސިއްހަތަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ހަނދާންކޮށްދިނުމަކީ މުބާރާތުގެ މައިގަނޑު މަގުސަދެވެ. އެހެންކަމުން މިއީ ސްޓްރެސް ކުޑަކޮށް، ސިކުނޑި ހުސްކޮށްލަން ދަސްކޮށްދޭ މުހިންމު ފިލާވަޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް