ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކާއި މޫދު ކުޅިވަރުތައް ބާއްވާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

Advertisement
އެމްއެންޑީއެފުން ބުނީ ދަތުރުކުރާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގެވުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށެވެ. ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށް ފައެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ދަތުރުކުރާ ފަރާތްތަކުންވެސް ލައިފްޖެކްޓްއަޅައި، އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން ޑައިވިން އަދި ވޯޓާ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ. އަދި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އަންގާފަ އެވެ.
މެޓް އޮފީހުން އިއްޔެ ބުނީ މި ހަފްތާގައި ރާއްޖެއަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށެވެ. އަދި ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަަމަށް މެޓް އޮފީހުން ބުނެ އެވެ.