އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ އިންސާނީ އެހީތެރިކަން ރައްކާތެރިކަމާ އެކު، އަވަހަށް އަދި ފުޅާ ދާއިރާއެއްގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ކަމަށާއި އަދި ބައިނަލްއަގްވާމީ ކޯޓުތަކުގެ ނިންމުންތަކަށާއި އދ.ގެ ގަރާރުތަކަށް އިހްތިރާމްކޮށް، ތަންފީޒުކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު، އެމީހުންގެ މުސްތަގުބަލުގެ ހައްގުގެ ދިފާއުގަ އެވެ.
ގާނޫނުތައް ތަންފީޒުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނަކީ ހަމައެކަނި ނިކަމެތިންގެ މައްޗަށް ހިނގާ، ބާރުގަދަ މީހުންނަށް އިސްތިސްނާވާ އެއްޗަކަށް ވެގެން ނުވާނެ ކަމަށާއި ހުރިހާ އެންމެންގެ މައްޗަށް ހިނގަންވާނީ އެއް އުސޫލެއް އަދި އެއް މިންގަނޑެއް، އެއްވެސް އިސްތިސްނާއެއް ނެތި ކަމަށެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ރައްކާތެރިކަމާއެކު، އަވަހަށް އަދި ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭން ޖެހޭ ކަމަށާއި، ބައިނަލްއަގުވާމީ ކޯޓުތަކާއި އދ. ގެ ގަރާރުތަކަށް އިހުތިރާމްކޮށް އެކަންކަން ތަންފީޒުކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
އެހެންކަމުން، 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ރާއްޖޭން ކުރާ އިލްތިމާސް ނައިބު ރައީސް މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.