ads
ރަސްމާލެ ހިއްކުން އިފްތިތާހުކޮށްދެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު މަންޒަރު ބައްލަވަނީ - ފޮޓޯ/ރައީސް އޮފީސް
ރަސްމާލެ މަޝްރޫއުގައި ގާނޫނާ ހިލާފު ކަމެއް ނެތް: ރައީސް
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެއްވެސް ފަރާތަކަށް ބިން މިލްކު ނުކުރެވޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
Advertisement

ޕީއެސްއެމްގެ "ނިއުސް ޗެޓް" ޕްރޮގްރާމްގައި ރައީސް މުއިއްޒު ވިދާޅުވީ އީގަލް ހިލްސްގެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ އެހެން ލެވެލަކަށް ގެންގޮސް، ވަޒީފާތައް ވެސް އުފެދިގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއުއަކީ ރަސްމާލެއަށް ބޭނުންވާ ގިނަ ކަންކަން ހާސިލުކުރަން ހިންގާ މަޝްރޫއުއެއް ކަން ފާހަގަކުރެއްވި އެވެ.  

މި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ މަތީ ހަރުފަތަކަށް ގޮސް، ވަޒީފާގެ ގިނަ ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ރާއްޖެއަށް ފައިދާހުރި ކަންކަން ކުރަން އުޅޭ ކޮންމެ ފަހަރަކު ސިޔާސީ ފަރާތްތަކުން އެކަމަށް ހުރަސްއަޅަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ގައުމީ ވިސްނުމެއް ނެތި ދައްކާ މިފަދަ ވާހަކަތަކުގެ ސަބަބުން މަޝްރޫއަށް ހުރަސް ނޭޅޭނެ ކަމަށާއި، ސަރުކާރުން އަމާޒަށް ވާސިލުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. މި މަޝްރޫއުގެ ތަފްސީލުތައް ކަމާބެހޭ ވަޒީރުން ހިއްސާކުރައްވަމުން ގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއްވެސް ވަރަކަށް މި މަޝްރޫއަށް ސޮވެރިން ގެރެންޓީއެއް ދީ ނުވަތަ ސަރުކާރުން ނަގާފައިވާ ލޯނެއް ނުވަތަ ޓެކްސް އިސްތިސްނާއެއް އެއްވެސް އެއްޗެއް ވެސް ނުދެން. ޑިއުޓީ އިސްތިސްނާއެއް ވެސް ނުދެން، މިތަނުގެ ބިން ހަމައެކަނި ކުއްޔަށް މި ދެވެނީ، ލީސް މި ކުރެވެނީ. މިލްކެއް ވެސް ނުކުރެވޭނެ." ރައީސް ވިދާޅުވި އެވެ.

މަޝްރޫއުގެ މުހިންމު ތަފްސީލުތައް:

  • ތަރައްގީކުރާ ތަން: ވެރިރަށް މާލެއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ފުށިދިއްގަރު ފަޅުގައި ހިއްކަމުންދާ "ރަސްމާލެ" ސިޓީގައެވެ.
  • ހިމެނޭ ބައިތައް: ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތައް، ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތައް، ދުނިޔޭގެ ފެންވަރުގެ މެރީނާއެއް، ވޯޓާފްރަންޓް ޕްރޮމެނާޑްތައް، ރެސްޓޯރެންޓްތަކާއި ފިހާރަތައް، އަދި މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމުގެ މަރުކަޒުތައް (ވެލްނެސް ސެންޓަރުތައް).
  • އިންވެސްޓްމަންޓް: އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރެވެއެވެ.
  • އިގްތިސާދީ ފައިދާ: މި މަޝްރޫއުގެ ދަށުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނެއެވެ. އަދި ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެއެވެ.

އެނގިފައިވާ ގޮތުގައި، މި މަޝްރޫއު ހިންގަނީ ރަސްމާލޭން މިހާރު ހިއްކާފައިވާ 500 ހެކްޓަރުގެ ސަރަހައްދުގަ އެވެ. ނަމަވެސް، މިކަމުގެ ސަބަބުން ކުރިން އިއުލާން ކޮށްފައިވާ ގޮތަށް ދިވެހި ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ކަނޑައަޅާފައިވާ އަދަދުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. 

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީހެއް އަދި ހާމައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް