ads
ޖުންޖުލާގެ ޕޯސްޓަރު
10 އެޕިސޯޑު 10 ތަފާތު މައްސަލަ: ދިވެހިވަންތަ ކްރައިމް ތްރިލާ "ޖުންޖުލާ" ވީޑިއޯކްލަބަށް
ކްރިއޭޓިވް ނެޓްވޯކުން ގެނެސްދޭ ދިވެހި ކްރައިމް ތްރިލަރ ސީރީޒް "ޖުންޖުލާ" އަންނަ އޮކްޓޯބަރު 3 ވާ ހޮނިހިރު ދުވަހު މީޑިއާނެޓްގެ ސްޓްރީމިން ޕްލެޓްފޯމް "ވީޑިއޯކްލަބް" އިން ޕްރިމިއަ ކުރަން ހަމަޖެހިއްޖެ އެވެ.
Advertisement

އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށްފައިވާ މި ސީރީޒްގެ ފުރަތަމަ ދެ އެޕިސޯޑު ޕްރިމިއަ ކުރާ ދުވަހު ނެރޭއިރު، އޭގެ ފަހުން ކޮންމެ ހަފްތާއަކުވެސް އާ އެޕިސޯޑެއް ނެރެމުންދާނެ އެވެ.

މިއީ މިދިޔަ އަހަރު ކްރިއޭޓިވް ނެޓްވޯކުން ޕްރޮޑިއުސްކޮށް އަޒްހާން ޑައިރެކްޓްކުރި ފީޗަރ ފިލްމު "ލީލީ" އަށްފަހު އެ ކުންފުނިން ގެނެސްދޭ އެންމެ ފަހުގެ އުފެއްދުމެވެ.

ޖުމްލަ 10 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސީރީޒްގައި ފެނިގެންދާނީ އިންސްޕެކްޓަރ ޒާރާ (އެކްޓަރ ވާޝިއާ) އާއި އޭނާގެ ޕާޓްނަރު ޒުހައިރު ކޮންމެ އެޕިސޯޑެއްގައިވެސް އާ މައްސަލައެއް ތަހުގީގުކުރާ މަންޒަރެވެ. މި ތަހުގީގުތަކުގެ ތެރެއިން ޒާރާގެ އަމިއްލަ މާޒީގެ ސިއްރުތައްވެސް މަޑުމަޑުން ހާމަވާން ފަށާނެ އެވެ.

މި ސީރީޒްގެ ފުރަތަމަ ދެ އެޕިސޯޑު ކަމަށްވާ "ފަހު ފިލާވަޅު" އަދި "މުކައްޒިބީން" އިން މި ތަހުގީގު ޓީމު ތަޢާރަފުކޮށްދީ، މުޅި ސީޒަނުގެ މިސްރާބު ކަނޑައަޅައިދޭނެ އެވެ. އެގޮތުން އެއްވެސް މީހަކީ ބޭރުފުށުން ފެންނަ ކަހަލަ މީހަކަށް ނުވެދާނެކަން މި އެޕިސޯޑުތަކުން ދައްކުވައިދޭނެ އެވެ.

ސީރީޒްއާ ބެހޭ ގޮތުން ވާހަކަދައްކަމުން އަޒްހާން ބުނީ، މުޅި ސީރީޒް ބިނާވެފައިވަނީ ވަރަށް އާދައިގެ ސުވާލެއްގެ މައްޗަށް ކަމަށެވެ. އެއީ، "ސުވާލުކުރަން އިންނަ މީހާގެ އަމިއްލަ ސިއްރެއް ފޮރުވަން އޮވެއްޖެނަމަ ދެން ވާނީ ކިހިނެއް؟" މި ސުވާލެވެ.

"ޖުންޖުލާގެ ކޮންމެ އެޕިސޯޑަކީ ވަކި މައްސަލައެއް. އަދި ކޮންމެ މައްސަލައަކީވެސް ކޮންމެވެސް ކަމެއް ސިއްރުކުރުމަށް މީހުން ހަދާ ދޮގުތަކެއްގެ މައްޗަށް އެކުލެވޭ މައްސަލައެއް. މުޅި ސީޒަންގައި ޒާރާ އުޅޭނީ ދޮގުހަދާ މީހުން ހޯދަން. އެކަމަކު އޭނާގެ އަމިއްލަ ސިއްރުތަކެއްވެސް ވާކަން ބެލުންތެރިންނަށް މަޑުމަޑުން އެނގެން ފަށާނެ. ޝޯގެ އަސްލު ފޯރިއަކީ އެއީ،" އަޒްހާން ބުންޏެވެ.

ފީޗަރ ފިލްމަކުން ސީރީޒްއަކަށް ބަދަލުވުމަކީ ތަފާތު ގޮންޖެހުމެއްކަން ފާހަގަކުރަމުން އަޒްހާން ބުނީ، ލީލީގައި އޮތީ އެއްފަހަރާ ކިޔައިދޭންޖެހޭ އެންމެ ވާހަކައެއް ކަމަށާއި އެކަމަކު ޖުންޖުލާގައި ކޮންމެ ހަފްތާއަކު އާ މައްސަލައަކާއި، އޭގެ އަޑީގައި ފޮރުވިފައިވާ ބޮޑު ސިއްރަކާއެކު ބެލުންތެރިން ޝައުޤުވެރިކަންމަތީ ހިފަހައްޓަން ޖެހުން މިއީ މުޅި ޓީމަށްވެސް ކުރިމަތިވި ވަރަށް ބޮޑު ޗެލެންޖެއް ކަމުގަ އެވެ. 

ބޭނުންވީ ބޭރުގެ ކޮޕީއަކާ ވައްތަރު ނުވާ ގޮތަށް، ދިވެހިވަންތަ ކްރައިމް ތްރިލަރއެއް އުފައްދަންކަމަށާއި  ޕޮލިސް ސްޓޭޝަންތަކާއި، ރަށްތަކާއި، އާއިލީ ޕްރެޝަރުތަކާއި، ސިޔާސީ ކަންކަން، މިއީ ހުސް ރާއްޖޭގެ މާޙައުލާ ގުޅޭ ކަންކަން ކަމަށް އޭނާ ފާހަގަ ކުރި އެވެ. 

މީގެ އިތުރުން ވީޑިއޯކްލަބް މެދުވެރިކޮށް މި ސީރީޒް ނެރުމުގެ ސަބަބުން ރާއްޖޭގެ އެކިރަށްތަކާއި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށްވެސް ފަސޭހައިން ބަލައިލެވޭނެކަން އަޒްހާން ފާހަގަކުރި އެވެ.

ވަރަށް ގިނަ ބެލުންތެރިންނަކީ ކިޔަވަން ނުވަތަ ވަޒީފާގެ ބޭނުމުގައި ރާއްޖެއިން ބޭރުގައި އުޅޭ މީހުން ކަމަށާއި ސްޓްރީމިންގްގެ ސަބަބުން ރާއްޖޭގައި ތިބޭ މީހުންނެކޭ އެއްގޮތަށް އެމީހުންނަށްވެސް އެއް ދުވަހެއްގައި އެޕިސޯޑުތައް ބަލާލެވި، މި ވާހަކަތަކުގައި ބައިވެރިވެވޭނެ ކަމަށް އަޒްހާން ބުނި އެެވެ. 

މި ސީރީޒްގެ ފުރަތަމަ ދެ އެޕިސޯޑު އޮކްޓޯބަރު 3 އިން ފެށިގެން މީޑިއާނެޓްގެ "އެމް.އެސް ލައިޓް" އަދި "އެމް.އެސް ޑިޖިޓަލް" އެޕް މެދުވެރިކޮށް ވީޑިއޯކްލަބުން ލިބެން ހުންނާނެއެވެ. އަދި އޭގެ ފަހުން ކޮންމެ ހަފްތާއަކު އާ އެޕިސޯޑެއް ނެރެމުންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް