ads
ކިމް ކާޑޭޝިއަން: ފޮޓޯ ޓައިމް
ކާތަކެތި ދަތުރުކުރާ ހޮޅި ދުޅަވާ ބައްޔެއް ކިމް ކާޑޭޝިއަން އަށް ޖެހިއްޖެ
އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން، ކާތަކެތި ދަތުރުކުރާ ހޮޅި ދުޅަވާ ބައްޔެއް ކަމަށްވާ "އެސޮފެގަައިޓިސް" އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދާކަން ހާމަކޮށްފި އެވެ.
Advertisement

ކިމް މިކަން ހާމަކޮށްފައިވަނީ އޭނާގެ އާއިލީ މަގުބޫލު ރިއަލިޓީ ސީރީޒް "ދަ ކާޑޭޝިއަންސް" ގެ އަށްވަނަ ސީޒަންގެ އާ ޓްރެއިލާގަ އެވެ.

މި ހަބަރާއެކު އޭނާގެ ފޭނުންނާއި މީޑިއާތަކުގެ ސަމާލުކަން މިކަމަށް ވަރަށް ބޮޑަށް ހުއްޓުނީ، ކިމްގެ ބައްޕަ ރޮބާޓް ކާޑޭޝިއަން ސީނިއާ 2003 ވަނަ އަހަރު އުމުރުން 59 އަހަރުގައި މަރުވީ ކާތަކެތި ދަތުރުކުރާ ހޮޅިއަށް ޖެހުނު ކެންސަރު ބައްޔެއްގައި ކަމަށް ވާތީ އެވެ. އެހެންކަމުން ބައްޕަގެ މަރާ ގުޅިފައިވާ ގުނަވަނަކަށް ކިމްގެ ސިއްހީ މައްސަލައެއް ދިމާވުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް ސިއްހީ މާހިރުންނާއި ކަމާބެހޭ ރިޕޯޓުތައް ބުނާ ގޮތުގައި، އެސޮފެގަައިޓިސްއަކީ ކެންސަރު ބައްޔެއް ނޫނެވެ. މިއީ އެސިޑް ރިފްލަކްސް ނުވަތަ އެލާޖިކް އަދި އިންފެކްޝަންތަކުގެ ސަބަބުން ކާތަކެތި ދަތުރުކުރާ ހޮޅީގެ އެތެރޭގެ ދުލިފަށުގައި އިންފްލެމޭޝަން އުފެދި ދުޅަވާ އާންމު ބައްޔެކެވެ.

މީގެއިތުރުން، ކިމް ކާޑޭޝިއަންއަށް ކެންސަރު ޖެހިފައިވާ ކަމުގެ އެއްވެސް އިޝާރާތެއް ނުވަތަ ސިއްހީ ހެއްކެއް ނެތްކަން ވެސް ރިޕޯޓުތަކުން ވަނީ ސާފުކޮށްދީފަ އެވެ. އޭނާއަށް ޖެހިފައިވަނީ އެކަށީގެންވާ ފަރުވާއާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުން ފަސޭހަކުރެވޭ ފަދަ އިންފްލެމޭޓަރީ ހާލަތެއް ކަމަށް ޑޮކްޓަރުން ބަޔާންކުރެ އެވެ.

ޝޯގެ ޓްރެއިލާގައި ކިމްގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކުގެ ތަފުސީލު ކުރިއަށް އޮތް އެޕިސޯޑުތަކުން ފެނިގެންދާނެ ކަމަށް ބެލެވެ އެވެ. ކިމްގެ މި ހާމަކުރުމާއެކު، އަވަހަށް ޑޮކްޓަރަށް ދެއްކުމާއި ހަށިގަނޑުގައި އުފެދޭ އެންމެ އާދައިގެ ދުޅަމިންތަކަށް ވެސް ފަރުވާތެރިވުމުގެ މުހިންމުކަން ގިނަ ބައެއްގެ މެދުގައި ވަނީ ބޮޑު މަޝްވަރާއަކަށް ވެފަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް