އިމިގްރޭޝަން ހިންގުމަށް ކުއްޔަށް ދޭނެ ތަނެެއް ހޯދަން އިއުލާންކުރިއިރު، ދައުލަތުގެ އެސެޓްތަކާއި މާލީ ހިސާބުތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލަން "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
"އެދޭ ރާއްޖޭ"ގެ ހުށަހެޅުން:
ސަރުކާރާއި މުޅިން ވަކިން ދައުލަތުގެ އެސެޓްތަކާއި މާލީ ހިސާބުތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުމަށް
ނަތީޖާ:
ދައުލަތުގެ އެސެޓާއި އެންމެހާ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރެވި، މިނިވަންކަމާއެކު މާލިއްޔަތާއި އާމްދަނީގެ ހިސާބު ކިތާބު ބެލެހެއްޓި، ހާމަ ކުރަން ޖާގަ ލިބުން
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މޯލްޑިވްސް އިމިގްރޭޝަން ހިންގުމަށް 13,600 އާއި 14,000 އަކަފޫޓާ ދެމެދުގެ އޮފީސް ޖާގައެއް ބޭނުންވާކަމަށެވެ. އެތަން ކުއްޔަށް ހިފަން ބޭނުންވަނީ 5 އަހަރުގެ މުއްދަތަށް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެކަމަށާާއި އެ ފައިސާ ބަލައިގަންނާނީ 5 އޮކްޓޯބަރު 2026ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށްކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/205،500ރ ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސްކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 8 އޮކްޓޯބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 10:00:00ގެކުރިން ކަމަށެވެ. އަދި މިޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ 8 އޮކްޓޯބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00:00 ގައިކަމަށްވެސް މިނސްޓްރީން ބުނެ އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އިމިގްރޭޝަންގެ ދެ އޮފީސް ހިންގުމަށް 8.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ ކޮންމެ މަހަކު ގާތްގަނޑަކަށް 692،000ރ. އެވެ.