ރޭގައި އޮލިމްޕަސް ސިނަމާގައި ޕްރެމިއާ ކުރި "ދެވި" ވެގެން ގޮސްފައިވަނީ ދިވެހި ސިނަމާ ޓެކްނިކަލް ގޮތުން އާ ހަރުފަތަކަށް ގެންގޮސްދިން މޮޅު ފިލްމަކަށެވެ.
ހުސެއިން ހާޒިމް ޑައިރެކްޓްކޮށް މަރިޔަމް އައްޒާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި ދައްކުވައިދެނީ އުފަންވުމުގެ ކުރިން ދިމާވާ ހާދިސާއެއްގެ ސަބަބުން އެއްމާބަނޑު ދެ ކުދިން މާހީ އާއި މާޝީގެ ފުރާނައަށް ނުރައްކާވާ ވެގެންދާ މަންޒަރެވެ. ވާހަކަ ކުރިއަށްދާ ވަރަކަށް ފޮރުވިފައިވާ އާއިލީ ސިއްރުތައް ފާޅުވެ، ބިރުވެރި ނުބައިކަމަކާ ކުރިމަތިލާންޖެހި އެކަންކަމުން ރައްކާތެރިކަން ހޯދުމަށް އެތަށް ގިނަގުނަ މަސައްކަތްތަކެއް އެ ދެ ކުދިން ކުރަން ޖެހޭ އެވެ. މި ފިލްމުގެ އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއް ވަރުގަދަ ކަމަކީ އޭގެ ވިޝުއަލް ޕްރެޒެންޓޭޝަން އެވެ. މީގެ އިތުރުން ފިލްމުގައި ސިނަމެޓޮގްރަފީ، ވިޝުއަލް އިފެކްޓްސް، ޕްރޮޑަކްޝަން ޑިޒައިން، އަދި އަޑުގެ ބޮޑު ބޭނުން ހިފައިގެން އަނދިރި މާހައުލެއް އުފައްދާފައިވުން ވެސް އެއީ ވަރަށް ބޮޑަށް ފާހަގަ ކޮށްލަން ޖެހޭ ކަންކަމެވެ.
މާހި-މާޝީގެ ރޯލުން ފެނިގެން ދިޔަ މަރިޔަމް އައްޒާ، ވިވާންގެ ރޯލުން ފެނިގެންދިޔަ ޝަރަފް އަބްދުالله އަދި ވިޔާންގެ ރޯލުން ފެނިގެންދިޔަ ހަމްދާން ސަލީމްގެ އެކްޓިންގެ ވާހަކަ ދައްކާލާނަމަ ބުނަން ޖެހޭ އެ ރޯލްތައް ވަނީ ވަރަށް ވެސް ފުރިހަމަޔަށް އަދާކޮށްދީފައި ކަމުގައި އެވެ.
ފިލްމުގެ އެންމެ ބޮޑު ޝައުގުވެރިކަމަކީ ދިވެހި ސިނަމާގެ ތެރޭގައި ސީރިއަސް ސުޕަނެޗުރަލް ހޮރޯ އެކްސްޕީރިއަންސެއް އުފެއްދުމަށް ކޮށްފައިވާ ބޮޑު މަސައްކަތެވެ.
ހަމައެކަނި ބިރުވެރި ވަގުތުތަކަކަށް ބަރޯސާވުމުގެ ބަދަލުގައި، އާއިލީ ސިއްރުތަކާއި، ގުޅުންތަކާއި، ޖަޒުބާތީ ކޯޅުންތަކާ އެކު ބިރުވެރިކަން އެއްކޮށްލުމުގެ ސަބަބުން ވާހަކައަށް ފުޅާ ޑްރާމާ ޑިމޭންޝަނެއް ލިބިގެންދެ އެވެ.
ޖުމްލަކޮށް ބަލާއިރު ދެވި ފިލްމު ތަމްސީލުކުރަނީ ދިވެހި ބިރުވެރި ސިނަމާއަށް އެޅި ބޮޑު ފިޔަވަޅެކެވެ.
މި ފިލްމުވެގެން ދާނީ އޭގެ ސުޕަނެޗުރަލް ސްޓޯރީލައިނާއި، ޕާފޯމަންސްތަކާއި، މާހައުލާއި، ޓެކްނިކަލް ޕްރޮޑަކްޝަންގެ ސަބަބުން ބިރުވެރިކަމާއި މިސްޓަރީ އަށް ލޯބިކުރާ ބެލުންތެރިންނަށް ޝައުގުވެރި ފިލްމެކެވެ.
ތަފާތު މޮޅު ފިލްމެއް ބަލާލަން ބޭނުންވާ ފަރާތަކަށް މި ފިލްމަކީ ބަލާނުލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫނެވެ.